ރިޕޯޓް

2015: ސިޔާސީ މަސްރަހު އޮތީ ގަދަ ކަނޑެއްގައި!

ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެއްގެ ގޮތުގައި 2015 ވަނަ އަހަރު ވެގެންދާނެއެވެ. ހާއްސަކޮށް 2015 ވަނަ އަހަރު ތެރޭގައި ކުއްލިކުއްލިއަށް ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ފަރާތްތައް މަގު މައްޗަށް

މި އަހަރުގެ ވަރަށް ކުރީކޮޅު އިދިކޮޅު އެމްޑީޕީއިން ވަނީ މަގު މައްޗަށް ނިކުމެ، އަޑު އުފުލަން ފަށާފައެވެ. ސަރުކާރުން ގާނޫނު އަސާސީއަށާއި ގަވާއިދުތަކަށް ބޭނުން ގޮތެއް ހަދަމުންދާ ކަމަށް ބުނެއެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަމަށް ބުނެއެވެ. އޭރު ޖުމްހޫރީ ޕާޓީ ވަނީ ސަރުކާރުގެ ކޯލިޝަނުން ވަކިވެފައެވެ. ޖުމްހޫރީ ޕާޓީ އާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމާމެދުގައެވެ. ގާސިމް އެ މަގާމު ބޭނުންވެފައިހުއްޓާ ޕީޕީއެމްއިން އެ މަގާމު ދޫކުރަން ބޭނުން ނުވުމުންނެވެ.

އެމްޑީޕީއިން ފެށި މި ހަރަކާތާ އިދިކޮޅު އެހެން ފަރާތްތަށް ވެސް ގުޅިގެން ދިޔައެވެ. އެގޮތުން ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން އެމްޑީޕީގެ މަގުމަތީ ހަރަކާތާ ގުޅިގެން ދިޔައެވެ. މި ދުވަސްވަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް ތައުރީފުކުރަމުން ދިޔައެވެ. އަދި ރައީސް ނަޝީދާއެކު މަގު މައްޗަށް ނިކުމެވަޑައިގަތެވެ.

ދެން ފެނިގެން ދިޔައީ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެން ދިޔަ ތަނެވެ. ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ހައްޔަރުކުރި ތަނެވެ. މިކަމުގެ ސަބަބުން މަގުމަތީ ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެގެން ދިޔައެވެ. ފެބްރުއަރީ 27 ގައި އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ ބޮޑު މުޒާހަރާއެއް ވެސް ކޮށްފައިވެއެވެ. އެއީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއިން ބޭއްވި މުޒާހަރާއެކެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް

އަވަސް ޝަރީއަތެއް ހިންގުމަށްފަހު މާޗް މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވިއެވެ. އިތުރަށް މަސްރަހުވީ ގޯހެވެ. ރައީސް ނަޝީދަށް އިއްވި ހުކުމާއެކު އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި މަގު މައްޗަށް ނިކުތް މީހުން ގިނަވިއެވެ. އަދި ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާތަކުން ސަރުކާރަށް ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވަމުންދިޔައެވެ. ނަމަވެސް ސަރުކާރުން ދިޔައީ ޝަރުއީ ދާއިރާއަށް އަތް ނުބާނާނެ ކަމަށް ބުނަމުންނެވެ.

ރައީސް ނަޝީދާއެކު ޝަރީއަތް ކުރިއަށް ގެންދިޔަ އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ވެސް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. 

ނާޒިމް ހައްޔަރުކޮށް ޖަލަށްލުން

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވަމުން ދިޔަ އަދި ރައީސް ޔާމީންއާ އެންމެ އަރިސް އެއް މިނިސްޓަރު ކަމަށްވާ އޭރުގެ ޑިފެންސް މިނިސްރު ކާނަލް މުހައްމަދު ނާޒިމްގެ އިތުބާރު ރައީސްއަށް ގެއްލިގެން ދިއުންވީ ސިޔާސީ މަސްރަހު ހަލަބޮލިވެގެންދިޔަ ކަމަށެވެ. ނާޒިމް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ވަނީ ބަޑިއެއް ފެނިފައެވެ. އެކަމާ ގުޅިގެން މަގާމުން ދުރުކޮށް ނާޒިމް ވަނީ ހައްޔަރުކޮށް ޝަރީއަތް ހިންގާފައެވެ. ނާޒިމްގެ ޝަރީއަތް ވެސް ކުރިއަށް ދިޔައީ އަވަސްކޮށެވެ. ނާޒިމްގެ ޝަރީއަތަކީ މިހާތަނަށް އެ ޝަރީއަތަކަށް އެންމެ ބޮޑު ފާޑުކިޔުންތައް އަމާޒުވި ޝަރީއަތެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކުށް ނާޒިމްގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މާޗް 27 ވަނަ ދުވަހުއެވެ.

ނާޒިމްގެ ޝަރީއަތް ކުރިއަށްދާ ގޮތާއިމެދު ކަންބޮޑުވެ، އިދިކޮޅު ފަރާތްތަކުން އަޑުވެސް އުފުލާފައިވެއެވެ. އެންމެފަހުން އެމްޑީޕީއިން ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނާޒިމްގެ ދިފާއުގައި އެމްޑީޕީއިން ނިކުތެވެ. އަދި ނާޒިމްގެ އާއިލާއިން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ފެށިއެވެ.

މެންބަރު ނާޒިމަށް އުމުރު ދުވަހުގެ ހުކުމެއް

ދެން ފެނިގެން ދިޔައީ އެހެން ޝަރީއަތެކެވެ. އޭރު ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ކޮރަޕްޝަނުގެ މައްސަލައެއްގައި ޝަރީއަތް ކުރިއަށްދިޔައެވެ. އަދި އެ ޝަރީއަތް ނިންމާ، ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

ނާޒިމްއަކީ ރައީސް ޔާމީންއާ ގުޅުން ބޮޑު ބޭފުޅަކަށްވެފައި މި ހުކުމްގެ ސަބަބުން ވެސް ސިޔާސީ މަސްރަހަށް ބަދަލުތަކެއް އައެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އިންތިހާބުވެގެން ދިއުންވެސް ވެގެން ދިޔައީ ސިޔާސީ މަސްރަހު ބަދަލުކޮށްލި ކަމަކަށެވެ.

މޭޑޭ

މޭ މަހުގެ އެއްވަނަ ދުވަހުގެ އަދާލަތު ޕާޓީ އިސްވެއޮވެ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ މިފަހަކަށް އައިސް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ. މުޒާހަރާގައި އާންމުންގެ އެތައް ބަޔަކު ހައްޔަރުކުރިއިރު ފުލުހުންނަށް އެކިވަރުގެ އަނިޔާތައްވެސްވެފައިވެއެވެ. ރޭގަނޑު ލަސްވަންދެން ކުރިއަށް ގެންދިޔަ މުޒާހަރާ ނިމިގެން ދިޔައީ އިސް ހުރިހާ ލީޑަރުން ހައްޔަރުކުރުމާ ގުޅިގެންނެވެ. އޭގެތެރޭގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އަދި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ހިމެނެއެވެ.

އަމީން އިބްރާހިމް މޭޑޭގެ މުޒާހަރާއިން ހައްޔަރުކުރި ނަމަވެސް އޭޕްރީލް މަސް ތެރޭ ގާސިމް އިބްރާހިމް ވަނީ އަނިޔާވެރިކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ޖޭޕީގެ ރަސްމީ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އެ ހިސާބުން ގާސިމް އުޅުއްވަމުން ދިޔައީ ތައިލެންޑްގައި ސިޔާސީ ހަރަކާތްތަކާ ދުރުގައެވެ. ގާސިމްގެ ވިޔަފާރީއަށް ބޮޑެތި ގެއްލުންތަކެއް އޭރު ދިޔައީ ވަމުންނެވެ.

މޭޑޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލިއިރު އަދާލަތު ޕާޓީގެ ރައީސް އަދިވެސް ހުންނެވީ ހައްޔަރުގައެވެ. އިމްރާނުގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ. މޭޑޭއަށްފަހު އަލީ ވަހީދާއި އަމީން އިބްރާހިމް ވަނީ ރާއްޖެ ދޫކޮށް ލަންޑަނަށް ބަދަލުވެފައެވެ.

ޖަމީލުގެ އިތުބާތު ގެއްލުން

ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ރައީސް ޔާމީނަށް ގެއްލިފައިވާކަން ފެންމަތިވެގެން ދިޔައީ އޭރު ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވި އަހުމަދު އަދީބުގެ ތާއިދު ޒުވާނުންގެ ތެރޭގައި އިންތިހާއަށް ބޮޑުވެ، އަދީބުގެ ނުފޫޒު ޕީޕީއެމް ތެރޭގައި ގަދަވި ދުވަސްވަރެއްގައެވެ. ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅަކަށް އަދީބު ވެގެން ދިއުންވީ ޖަމީލުގެ މައްޗަށް އޮތް އިތުބާރު ގެއްލުނު ކަމަށެވެ. އިދިކޮޅު ފަރާތްތަކާއެކު ސިއްރު ގުޅުންތައް ބާއްވާކަމުގެ ތުހުމަތުތައް ކުރެވެން ފެށިއެވެ. ހަވާލުކުރި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރެވޭކަމުގެ ތުހުމަތުތައް ވެސް ޖަމީލަށް އަމާޒުވިއެވެ. މި ތުހުމަތުތަކާއެކު ޖަމީލު ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ.

ޖަމީލުގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 78 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ދުވަހުގެ ޖަލްސާގައި ބައިވެރިވީ 80 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓުދިނީ ދެ މެންބަރުންނެވެ. އެއީ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ ރައީސް ނަޝީދު ގޭބަންދަށް ބަދަލުކޮށްފައިވަނިކޮށެވެ. އަދި އޭރު އިދިކޮޅު އެންމެ މައި ޕާޓީ އެމްޑީޕީއާއެކު ސަރުކާރުން ދިޔައީ ސުލްހައިގެ ވާހަކަތައް ދެކެވެމުންނެވެ. ޖަމީލު ވަކިކުރުމުގައި އެމްޑީޕީއިން ބައިވެރިވިއެވެ. އަދި އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭނެ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް ވެސް އެމްޑީޕީއިން ވަނީ ތާއިދުކޮށް ވޯޓު ދީފައެވެ. ނަމަވެސް ޖަމީލު ވަކިކޮށް އަދީބު ނައިބު ރައީސް ކަމަށް އައްޔަނުވުމާއެކު ސިޔާސީ މަސްރަހު އަނެއްކާވެސް ބަދަލުވެގެން ދިޔައެވެ. ސަރުކާރާއި އެމްޑީޕީއާ ދެމެދު ސުލްހައިގެ ވާހަކަތައް ހުއްޓި، ރައީސް ނަޝީދު އަނެއްކާވެސް ޖަލަށް ބަދަލުކުރެއްވިއެވެ.

ރައީސް ނަޝީދު ގެއަށް ބަދަލުކުރި ލިޔުމަކީ ފޭކް ލިޔުމެއް ކަމަށް ކަރެކްޝަނުން ބުނާއިރު ނަޝީދުގެ ވަކީލުން އެވާހަކަ ދޮގު ކުރެއެވެ. މި މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅިއެވެ. އަދި މެޑަމް ލައިލާ އަލީގެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށް، ލައިލާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެސްވެއެވެ.

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވުން:

ރައީސްގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާވެގެން ދިޔައީ ރާއްޖޭގެ ސިޔާސީ މަޝްރަހު އެއްކޮށް ބަދަލުވެގެންދިޔަ ހާދިސާއަކަށެވެ. ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފހު މާލެ ވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއް ގޮވައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ. މެޑަމްގެ އިތުރުން މި ހާދިސާގައި ރައީސްގެ ޕްރޮޓޮކޯލް ފާތުމަތު މުހައްމަދު ސޯލިހު (ފާތޭ) އަދި ރައީސްގެ ބޮޑީގާޑް މުހައްމަދު އަބްދުއް ނާސިރަށް އަނިޔާވެފައިވެއެވެ.

އަދީބުގެ އިތުބާރު ގެއްލުން

އަދީބަކީ ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވި އެންމެ ހަގު ބޭފުޅާއެވެ. އެ ބޭފުޅާގެ ނައިބު ރައީސްކަމުގެ ދައުރު ވެސް ހަމަ އެހާކުރެވެ. އަދީބު ނައިބު ރައީސްކަން ކުރައްވާފައިވަނީ 107 ދުވަހުއެވެ. އެ 107 ދުވަހު ފެނިގެން ގޮސްފައިވަނީ އަދީބުގެ ހިންގުންތެރިކަމާއި އެމަނިކުފާނުގެ އާރާއި ބާރު ވަރަގަދަވެގެން ދިޔަ ތަނެވެ.

އަދީބުގެ އިތުބާރު ގެއްލުނީ، ރައީސް ޔާމީން ދަތުރުކުރައްވަމުން ގެންދެވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތުހުމަތުތައް އަދީބަށް ކުރެވުނު ހިސާބުންނެވެ. މި މައްސަލާގައި އަދީބުގެ އެންމެ އަރިސް މީހުން ވަނީ ބައިވެރިވެފައެވެ. އެކަމުގެ ތުހުމަތުތައް ދަނީ އެމީހުންގެ މައްޗަށް ކުރެވެމުންނެވެ. އަދީބު، ރައީސް ޔާމީން އަވަހާރަކޮށްލައްވަން މަސައްކަތްކުރިކަމުގެ ތުހުމަތު މިހާރު ވަނީ ކުރެވިފައެވެ. އަދީބުގެ މައްޗަށް ކޮރަޕްޝަނާއި ރިސްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލިފައެވެ. އަދިވެސް ގިނަ ދައުވާތަކެއް އަދީބުގެ މައްޗަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު

ރާއްޖޭގެ އާންމު ހާލަތު ގޯސްވެ އާންމު ތަންތަނުން ހަތިޔާރު ފެންނަމުން ދިއުމުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭރު އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް ވަނީ ދީފައެވެ. ނަމަވެސް ކުއްލި ހާލަތު އިއުލާންކޮށް، ފިނިފެންމާ ލޯންޗުކޮޅުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް އުނިކުރެވުނެވެ. އެގޮތުން އަދީބަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަތް ދުވަހަށް ކުރު ކުރެވުނެވެ. އެއީ އެއްވެސް ގާނޫނެއްގައިވާ ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އަދީބު ނައިބު ރައީސްކަމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ 52 މެންބަރުންގެ ސޮޔާއެއްކޮށް ވައްދާފައިވަނީ 27 އޮކްޓޯބަރުގައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އަދީބަށް ދިން 14 ދުވަސް ހަތް ދުވަހަށް ކުރުކޮށްލައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ދުވަހު ނޫން އަނެއް ދުވަހު އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިއެވެ. އެ ވޯޓުން އަދީބުގެ އިތުބާރު ނެތް ކަމަށް ފާސްވެފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ.

ނައިބު ރައީސްގެ މަގާމު ހުސްކޮށް

ނައިބު ރައިސްގެ މަގާމު މިހާރު ހުސްވެފައިވާއިރު ކުރިން ސަރުކާރާ ދެކޮޅަށް ތެދުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސަރުކާރަށް ތާއިދުކުރައްވާކަން އިއުލާންކޮށްފައެވެ. ގާސިމް ވަނީ އަދީބު ވަކިކުރި ވޯޓުގައި ވެސް ބައިވެރިވެފައެވެ. އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް އަދީބު ވަކިކުރަން ވޯޓު ދެއްވާފައެވެ.