ދުނިޔެ

ލަންކާއިން ވެސް ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދަނީ

އަންނަ އަހަރު ޗައިނާ އާއި ސްރީލަންކާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖައްސައިފި އެވެ.

ލަންކާ އާއި ޗައިނާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ދެ ގައުމުން ވަންނަން ނިންމާފައިވާ މި އެއްބަސްވުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި މިހާރު ވަނީ މަޝްވަރާތައް ބާއްވާފައެވެ. އަދި އަންނަ އަހަރު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއާ އެންމެ އަވަށްޓެރި ލަންކާއިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށްދާއިރު ރާއްޖެއިން ވެސް ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ނިންމާފައެވެ. އެއްބަސްވުމުގެ ކުރިން ބާއްވާ ރަސްމީ މަޝްވަރާތައް މިހާތު ފަށާފައިވާއިރު އަންނަ އަހަރު އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން ރީޖަނަލް ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕްއާ ބެހޭ މަޝްވަރާތައް ވެސް ޗައިނާއިން ލަންކާއާއެކު ކުރާނެ ކަމަށް ޗައިނާގެ ކޮމާސް މިނިސްޓަރު ގާއޯ ހުޗޭންގް ވަނީ ވިދާޅުވެފައެވެ.

ޗއިނާއިން މިހާރު ދަނީ އެހެން ގައުމުތަކާ އެގައުމާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާ އިން އެހެން ގައުމުތަކާއެކު އޮންނަ ވިޔަފާރި ފުޅާ ކުރުމަށް "ބެލްޓް އެންޑް ރޯޑް" މަޝްރޫއެއް ވަނީ އިއުލާންކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ގައުމުތަކާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެ ގައުމުން ބުނެއެވެ.