ޓޫރިސްޓް އެރައިވަލް

މިހާތަނަށް ޓޫރިޒަމަށް 30 ޕަސެންޓުގެ ކުރިއެރުމެއް

މި އަހަރުގެ މިހާތަނަށް ޓޫރިޒަމްގެ ކުރިއެރުން މިދިޔަ އަހަރާ އަޅާ ބަލާނަމަ ހުރީ 30 ޕަސެންޓުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 27 އާ ހަމައަށް ރާއްޖެއަށް 560,996 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 389,770 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 30 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރު ޓޫރިސްޓުން އިތުރުވި އަދަދު

  • ޖެނުއަރީ: 131,764
  • ފެބްރުއަރީ: 149,008
  • މާޗް: 150,739
  • އެޕްރީލް 27 އަށް: 129,485

މި އަހަރު ވޭތުވެދިޔަ ހަތަރު މަސް ދުވަހަށް ބަލާއިރު ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އެވްރެޖު ނިސްބަތް ހުރީ 4,795 ގަ އެވެ. އަދި ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި 8.5 ދުވަހު މަޑު ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ އިނގިރޭސީންނެވެ. އިނގިރޭސިވިލާތުން 73,107 މީހުން އައިސް ޓޫރިޒަމްގެ 13 ޕަސެންޓް ހިއްސާ ވަނީ އެ ގައުމުން ނަގާފަ އެވެ. ނަމަވެސް މިހާރު ޓްރެންޑް ދައްކާ ގޮތުން ދެން ޓޫރިޒަމްގެ އެއްވަނަ ގައުމަކަށްވާނީ އިންޑިއާ އެވެ. އެ ގައުމުން މިހާތަނަށް 65,412 މީހުން އައިސް ޓޫރިސްޓުންގެ 11 ޕަސެންޓް ހިއްސާ ކުރަމުންދެ އެވެ. އަދި ތިން ވަނާގައި އޮތީ މި އަހަރު ފެށުނުއިރު އެއްވަނަ ގައުމުގެ ގޮތުގައި އޮތް ރަޝިއާ އެވެ. އެ ގައުމުން 56,162 ޓޫރިސްޓުން އައިސްފައިވެ އެެވެ.