ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓެއްގެ ތެރޭގައި ތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ މި މީހުންގެ ބަންދަށް ދުވަސް ޖަހާފަ އެވެ.
މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުންނަށް މަސްތުވާތަކެތި ފެނުނީ އެ މީހުން ތިބި އެޕާޓްމަންޓްގައި ހުރި ޓީވީ ރެކްގެ ދަމާ ވަތްގަނޑެއްގެ ތެރެއިންނެވެ.
ފުލުހުން އިތުރަށް އެޕާޓްމަންޓް ބަލައި ފާސްކުރުމުން ސިޓިންރޫމްގައި ހުރި ސޯފާ ތެރެއިންނާއި އެޕާޓްމަންޓްގެ ދެ ކޮޓަރީގެ ތެރެއިން 50،300 ރުފިޔާ އާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ އާލާތް ވެސް ފެނިފައިވެ އެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން ހައްޔަރުކުރި ފަަސް މީހުންގެ ތެރެއިން ތިން މީހުންނަކީ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް ފަރުވާ ފުރިހަމަ ކޮށްފައިވާ ބައެކެވެ.
މި މީހުން ކޯޓަށް ހާޒިރުކުރުމުން އެތަނުން އެކަކު ބުނީ އެޕާޓްމަންޓްގައި ހުރި ފައިސާ އަކީ އޭނާ ވަޒީފާ އަދާކޮށްގެން ލިބިފައިވާ ކަމަށާއި މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށެވެ.