މިއަދު ހެނދުން ފެށިގެން ކޮންމެ ބައި ގަޑިއިރަކުން މާލެ އާއި މިރަށާ ދެމެދު ދިޔައީ ލޯންޗް ފެރީ ދަތުރު ކުރަމުންނެވެ. މި ރަށަށް އަންނަ ކޮންމެ ލޯންޗެއް ވެސް އޮންނަނީ "ހައުސްފުލް" ކޮށެވެ. ފުރި ބާރުވެފަ އެވެ. މި ހުރިހާ މީހުންނަކީ ވެސް މާދަމާ މި ރަށުގައި ކުލަގަދަކޮށް ފާހަގަ ކުރާ އީދުގެ އުފަލުގައި ބައިވެރިވާން އަންނަ މީހުންނެވެ؛ މިގޮތަށް އަންނަ މީހުންނާއެކު މި ރަަށް މިވަނީ އެއްކޮށް ފުލްވެފަ އެވެ.
"މުޅި ރަށް އެއްކޮށް ގާތްގަނޑަކަށް މިވަނީ ފުލްވެފަ. އެންމެ ކޮޓަރިއެއް ވެސް މިހާރަކު ނެތޭ ބުނެ ވޭނީ،" މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު މި ރަށުގައި ހުންނަވާ އަވަސް އަށް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1500 ގެސްޓްހައުސް އެނދު ރަޖިސްޓްރީކޮށްގެން ހިންގާ ކުޑަ ތިން ރިސޯޓު ވަރުގެ "ގެސްޓްހައުސް" އައިލެންޑުގެ މަގުތަކުން މިހާރު ފެންނަނީ ހަލަބޮލި ކަމެވެ. އަބަދުވެސް ބިޒީކޮށް އޮންނަ މި ރަށް މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު ފެންނާނީ ވަކިން ބިޒީތަނެއްގެ ގޮތުގަ އެވެ. ގެސްޓްހައުސްތަކުގެ އިތުރުން ގޭގޭގެ ކުލީކޮޓަރިތައް ވެސް އެއްކޮށް މި ވަނީ ފުރާލާފަ އެވެ. އީދު ފާހަގަ ކުރުން އިއުލާނު ކުރުމާއެކު ގިނަ ބަޔަކު ތައްޔާރުވެ ރޫމް ނަގައި ބުކިން ހެއްދި އެވެ. އެހެންވެ ދުރާލާ ބުކިން ހެއްދި މީހުން މިއަދާއި މާދަމާ ވެސް މި ރަަށަށް އަރާނެ އެވެ.
މިއަދު އެކަނި 1800 މީހުން މި ރަށަށް
ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވީ ކުރިން ހީވެސް ނުކުރާ ވަރަށް މި ރަށަށް މީހުން އަރާފައިވާ ކަމަށެވެ.
"މިއަދު އެކަނި 1800 އެއްހާ މީހުން ޔަގީނުންވެސް މި ރަށަށް އެރި. ކުރިން މި ވަރަށް އަރާނެ ކަމަށް ހީވެސް ނުކުރަން،" ސޮލާހު ވިދާޅުވި އެވެ.
ރަށް އެއްކޮށް ފުލްވެފައިވާއިރު އީދުގެ ޗުއްޓީއާ ދިމާކޮށް މި ރަށުގެ ކޮޓަރިތަކުގެ އަގުތައް ވެސް ވަނީ މަތިވެފަ އެވެ. އެގޮތުން ގޭގެއިން ވެސް ކޮޓަރި ވިއްކަމުން ގޮސްފައިވަނީ 1200ރ. އަށެވެ. ބައެއް ގެސްޓްހައުސްތަކުން ޓްރާސްޕޯޓް ލައިގެން ފުލް ޕެކޭޖު ވެސް ވިއްކާފައިވެ އެވެ. މިގޮތުން ވިއްކި ހުރިހާ ޕެކޭޖެއްވެސް ވަނީ ވިކި ހުސްވެފަ އެވެ. ރަށުން ބޭރުގެ 7،000 މީހުން ވަޒީފާ އަދާ ކުރާ މި ރަށުގައި ފާހަގަ ކުރާ މި ކުޑަ އީދަކީ ކޮވިޑް-19 އަށްފަހު އީދު މިހާ ކުލަގަދަކޮށް ފާހަގަ ކުރާ ފުރަތަމަ ފަހަރެވެ.
އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް މާދަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ދައުލަތުގެ ވެރިން މި ރަށަށް އަންނާނެ އެވެ. މޫސުން ރަނގަޅު ނަމަ އީދުގެ ބޮޑު ޖަމާއަތުގައި ނަމާދު ކުރުން އޮންނާނީ މިރަށު ސްޓޭޑިއަމްގަ އެވެ. އަދި ރައްޔިތުންނަށް ހެނދުނުގެ ސަޔެއްގެ އިތުރުން މެދުންދުރުގެ ފަރިއްކޮޅެއް ވެސް އޮންނާނެ އެވެ. އަދި މާދަމާރޭ ހަވާއެރުވުންވެސް އޮންނާނެ އެވެ.