މޯލްޑިވްސް ޕޮލިސް ސާވިސް

ފަހުން ދެމި ބެނާ ރޭ ދަންވަރު ނަގައިފި

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދަމާފައިވާ ބޮޑު ބެނާ ނަގާފައިވަނިކޮށް ފަހުން ދެމި ބެނާވެސް ފުލުހުން ނަގައިފި އެވެ. ރޭ ދަންވަރު ފުލުހުން ނަގާފައިވަނީވެސް 40 ފޫޓްގެ ބިޔަ ބެނާ އެކެވެ.

ޕީޕީއެމްގެ އޮފީސް ހިންގާ އިމާރާތުގައި ކުރީން ދެމީ ބެނާގައި އިނގިރޭސި ބަހުން "އިންޑިއާ އައުޓް" ލިޔެފައިވެއެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމުން ދެން ދަމަން ފެށި ބެނާތަކުގައި "އިންޑިއާ އައުޓް" ލިޔާ ގޮތް ބަދަލުކޮށްގެން ދެމި އެވެ. ނަމަވެސް އެ ބެނާތައްވެސް ފުލުހުން ވަނީ ނަގާފައެވެ.

ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ފަހުން ދެމި ބިޔަ ބެނާގައި އިންޑިއާ ދިދަ ކުރަހާ އޭގެ މަތީގައި ވަނީ "އައުޓް" މިހެން ލިޔެފައެވެ.

އެ ބެނާ ނަގަން ރޭ ދަންވަރު ފުލުހުންގެ ޓީމެއް ޕީޕީއެމް އޮފީސް ދޮށަށް ދިއުމުން ފުލުހުންގެ އެ އަމަލާ ދެކޮޅަށް ވަނީ އަޑުއުފުލާފައެވެ. ފުރަތަމަ އައި ފުލުހުން ކޯޓް އަމުރެއް ނުގެނެއެވެ. ނަމަވެސް އޭގެ ފަހުން އައި ފުލުހުންގެ ޓީމުން އައީ ކޯޓް އަމުރު ހިފައިގެންނެވެ. ބެނާ ނަގާފައިވަނީ މެންދަމު 3:30 ވީ ފަހުންނެވެ.

މި މަސައްކަތުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކި ސިފަސިފާގައި އެ ހަރަކާތް ފުޅާކޮށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.

"އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑު ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައިވެސް ދެމިއެވެ. ރައީސްގެ ގަރާރާއެކު ފުލުހުން ވަދެ އެ ބެނާވެސް ވަނީ ނަގާފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.