މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު، އެކެއްގެ ވަނަވަރު އާންމުކޮށްފި

އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ހިނގި މާރާމާރީގެ ތުހުމަތަށް ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ވަނަވަރު އާންމުކޮށްފި އެވެ. އަދި އެ މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ހިނގި މާރާމާރީގެ ތުހުމަތަށް ހައްޔަރު ކޮށްފައިވަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ހަސަން ޒިހާން ކަމަަށެވެ. ދެން ހައްޔަރު ކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. އެހެން ކަމުން އޭނާގެ ވަނަވަރެއް ހާމައެެއް ނުކުރެއެވެ. އެއީ 15 އަހަރުގެ ކުއްޖެކެވެ.

ހަސަން ޒިހާންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި 15 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ މި ދެ މީހުންގެ އިތުރުން އިތުރު ހަތް މީހަކު ހޯދަމުންދާ ކަމަށެވެ.

އީދު ދުވަހު ހިނގި މާރާމާރީގައި ޒުވާނަކު ވަނީ ވަރަށް ބޮޑަށް ޒަހަމުކޮށްލާފައެވެ.

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ހަތް މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފައެވެ.