ހަބަރު

ބްރިޖަކީ ކުޑަ ގައުމަކާއި ބޮޑު ގައުމަކާ ދެމެދު އަޅާ ފާލަމެއް: ރައީސް

މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖަކީ ކުޑަ ގައުމަކާއި ބޮޑު ގައުމަކާ ދެމެދު އެޅޭ ބްރިޖެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބްރިޖަކީ އިގްތިޞާދީ ގޮތުން އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ޗައިނާ އާއި ރާއްޖެފަދަ ކުޑަ ގައުމަކާ ދެމެދު އެޅިގެންދާ ފާލަމެއް ކަމަށެވެ.

"މިއީ ކުޑަކުޑަ ގައުމަކާއި ބޮޑު ގައުމަކާ ދޭތެރޭ ވެސް އެޅޭ ފާލަމެއް،" ބްރިޖްގެ މަސައްކަތްތަކީ ތާރީހީ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ބްރިޖްގެ މަސައްކަތުން ފެނިގެން ދަނީ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާއެކު އިހުތިރާމާއި ރަހުމަތްތެރި ކަމުގެ މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު އަބަދު އޮންނަން ޖެހެނީ ވާދަވެރިކަން ނޫން ކަމަށާއި މިރޭ ފެނިގެން މިދަނީ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކާ ދެމެދު އޮންނަ އޯގާތެރިކަމާއި އަޅާލުމުގެ ވަރުގަދަ ރަމްޒެއް ކަމަށެވެ. ޗައިނާއިން ބްރިޖް އަޅައިދިނުމަށް ދެއްވާ އެހީތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ ރައީސްގެ އަރިހުގައި ބްރިޖްގެ ވާހަކަ ދެއްކުމުން އެކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތް ދުވަހަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބްރިޖަކީ ދެގައުމުގެ ދެމެދުގައިވާ ތާރީހީ ގުޅުމަށް އެޅިގެންދާ ފާލަމެއް ކަމެއް ކަމަށެވެ. އަދި ސިލްކްރޫޓްގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވުމާއެކު ބްރިޖަކީ ޗައިނާގެ ރައީސް ޝީ ދެއްވި ހަދިޔާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ބްރިޖްގެ މަސައްކަތްތަކީ ލޭންޑް މަސައްކަތެއް ކަމަށާއި ބްރިޖަކީ މިހާރުގެ ޖީލާއި އިހުގެ ޖީލާ ގުޅުވައިދޭ ބްރިޖެއް ކަމަށް ވިދަޅުވެފައެވެ. ރައީސް ވިދާޅުވީ ބްރިޖަކީ ހުރިހާ ދިވެހި ރައްޔިތުންނަށް އަޅައިދޭ ބްރިޖެއް ކަމަށާއި ބްރިޖްގެ ސަބަބުން އިޖްތިމާއި ގުޅުމާއި ފޭރާން ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގެވެށި އަނިޔާ ކުރާ މީހުންނާއި ގެވެށި އަނިޔާ ރައްދުވާ މީހުންނާއި ދެމެދު ބްރިޖްތަކެއް އެޅެން ވެއްޖެ ކަމަށާއި މައުސޫމް ކުޑަކުދިންނަށް އަނިޔާ ކުރާ މީހުންނާއި އެކުދިންނާއި މެދު ބްރިޖްތަކެއް އެޅެންވެއްޖެ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެމަނިކުފާނާ އިދިކޮޅު ފަރާތްތަކާ ދެމެދު ވެސް ބްރިޖްތަކެއް އެޅެންވެއްޖެ ކަމަށް ވިދާޅުވިއެވެ.