ޗައިނާގެ ޝަންހާއީގެ އުމުރުން ދުވަސްވީ މީހެއްގެ ފުރާނަ ވަރަށް ހަނިގޮތަކަށް ސަލާމަތްވެއްޖެ އެވެ. އޭނާ މަރުވީ ކަމަށް ނިންމައި ޖަނާޒާގެ ކަންތައް ކުރަން ހަމަޖެހިފައިވާ ތަނަށް އެމްބިއުލެންސެއްގައި ގެންދިޔަ އެވެ. އޭޜު އެމީހާ އޮތީ ބޮޑީބޭގެއް ތެރޭގަ އެވެ.
ޖަނާޒާ ބާއްވަން ހަމަޖެހިފައިވާ ފިއުނެރަލް ޕާލާ އަށް އެމްބިއުލެންސް ކައިރިކޮށް ސްޓްރެޗަރެއް ފާޑު އެއްޗެއްގައި ބޮޑީބޭގް ނަގާ ބޭއްވިތަނާ އެ ބޮޑީބޭގް ތެޅުވެން ފެށި އެވެ. އޭގެ ތެރޭގައި އޮތްމީހާ މަރުނުވާ ކަން މީހުން ވަޅުލުމުގެ ކަންތައްތަކުގައި އުޅޭ މީހުންނަށް ޔަގީންވީ އެހެންވެ އެވެ. އެމީހުން ވަގުތުން ބޮޑީ ބޭގްގެ ޒިޕް ނައްޓާފައި ބެލިއިރު އޭގެ ތެރޭގައި އޮތް މީހާ ދިރިހުރިކަމަށް ބެލެވިގެން އެ މީހުން ވަގުތުން ނާސިން ހޯމަކަށް ގުޅައިގެން ހެލްތު އޮފިޝަލުން ގެނުވައިގެން އެމީހާގެ ހަށިގަނޑު ޗެކް ކުރުމުން އޭނާ މަރުނުވާކަން ޔަގީން ކުރެވުނެވެ.
ވަގުތުން އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ހާލު ރަނގަޅުވާން ފަށާފައިވާ ކަމަށް ބީބީސީގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ. މި މަންޒަރުތައް އެހިސާބުގެ ސީސީޓީވީ ކެމެރާ ތަކަށް ވަނީ ރެކޯޑް ކުރެވިފަ އެވެ. އަދި މި ވީޑީއޯ މިހާރު ވަނީ އިންޓަނެޓުގައި ވައިރަލްވެފަ އެވެ.
މި ކަން ޗައިނާގެ ކަމާ ބެހޭ އޮތޯރިޓީތަކަށް އެނގުމާއެކު މިކަމުގައި ޝާމިލުވާ ހަތަރު މީހަކު ވަނީ ވަގުތުން ވަޒީފާއިން ވަކިކޮށްފަ އެވެ. ވަޒީފާއިން ވަކި ކުރި މީހުންގެ ތެރޭގައި ލޯކަލް ސިވިލް އެފެއާޒް ބިއުރޯގެ ޑެޕިއުޓީ ޑައިރެކްޓަރާއި އެމީހާ އޮތް ކެއާ ހޯމްގެ ޑައިރެކްޓަރު އާއި އެ މީހާ މަރުވިކަމުގެ ލިޔުންދިން ޑޮކްޓަރާއި އިތުރު މީހަކު ހިމެނެ އެވެ.
ވަޒީފާއިން ވަކިކުރުމުގެ އިތުރުން ޑޮކްޓަރުގެ މެޑިކަލް ލައިސަންސް ވެސް ވަނީ ވަގުތުން ބާތިލްކޮށްފަ އެވެ.
ވަޅުލަން ގެންދިޔަ މީހާ ދިރިއޮތްކަން ފާހަގަ ކުރެވިގެންކަމާ ބެހޭ ފަރާތްތަކަށް އެކަން އެންގި ފިއުނެރަލް ޕާލާގެ މުވައްޒަފުންނަށް އިނާމެއްގެ ގޮތުގައި 5،000 ޔުއާން ދީފައި ވެއެވެ. އެއީ އެމީހާގެ ފުރާނަ ސަލާމަތް ކޮށްދިނީތީ ދިން އިނާމެކެވެ.