ލައިފްސްޓައިލް

ނުކުޅެދޭ ކޮއްކޮއަށްޓަކައި ނުކައި ނުބޮއި ފައިސާއެއްކުރި ދައްތަ މަރުވެއްޖެ

Jan 19, 2020

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންނަށް ލިބިފައިވާ ނިއުމަތްތައް ބަލައިގަނެ އެކަމަށް ޝުކުރުވެރިވާން ދަންނަ ބައެއް ނޫނެވެ. އެހެންކަމުން އަހަރެމެންނަށް ވުރެ ދަތި ހާލުގައި ފަގީރުކަމުގައި އުޅޭ މީހުންނާ މެދު އަހަރެމެން ވަނީ އާފިލު ވެގެންނެވެ. ކޮންމެ ދުވަހަކު ބަނޑުފުރާނަ މުއްތިކުރަން ބޭނުންވާ ވަރަށް ވެސް ފައިސާ ނުލިބޭ އެތައް މިލިއަން މީހުން ދުނިޔޭގައި އުޅޭކަން އެނގޭއިރުވެސް އަހަރެމެންނަކަށް އެކަމުން މާ ބޮޑު އަސަރެއް ކުރާ ކަމަކަށް ނުވެ އެވެ.

ބަނޑުހައިހޫނު ކަމަކީ ކިހާވަރެއްގެ ކަމާއި ފައިސާގެ މުހިއްމުކަން ޗައިނާގެ 20 އަހަރުގެ މި ދަރިވަރުގެ ކުރު ހަޔާތުގެ ވާހަކައިން ވަރަށް ރަނގަޅަށް ވިސްނޭނެ އެވެ.

ވޫ ހޫޔާން ކިޔާ މި އަންހެންކުއްޖާ މިހާރު ވަނީ އެކަށީގެންވާ ކާނާ ނުލިބުމުގެ ސަބަބުން މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. ހުޔާންގެ ހަޔާތުގެ ފަހު ދުވަސްތައް އޭނާ ވޭތުކޮށްފައިވަނީ ލިބޭ ކުޑަ ފައިސާކޮޅުން ފުއްދައިގެންނެވެ.

ހުޔާންއަކީ މައިންބަފައިން މަރުވެފައިވާ ޔަތީމު މިސްކީނެކެވެ. އޭނާގެ މަންމަ މަރުވިއިރު އޭނާއަށް އެންމެ ހަތަރު އަހަރެވެ. ބައްޕަ މަރުވިއިރު އޭނާއަށް 18 އަހަރެވެ. މައިންބަފައިން މަރުވިއިރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ހުއްޓެވެ. އެއީ ނަފްސާނީ މައްސަލަތަކެއް ހުންނަ ކުއްޖަކަށް ވާތީ އެ ކުއްޖާ ބަލަން ޖެހުނީ ވެސް ހުޔާން އަށެވެ.

ކޮލެޖުގައި ކިޔަވަމުންދިޔަ ހުޔާންގެ ހާލަތު ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގުމުން މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އޭނާއަށް 3000 ރުޕީސް ދޭން ވަނީ ފަށާފަ އެވެ. މި ފައިސާއިން ހުޔާންގެ ކޮއްކޮ އަށް ބޭސްފަރުވާ ކޮށްފައިވާ ރަނގަޅު އެއްޗެހި ކާންދޭން ހުޔާން ހަރަދު ކުރެ އެވެ. ނަމަވެސް ހުޔާން ކަނީ ރެއަކާ ދުވާލު އެންމެ ދެ ބަނަސް ނުވަތަ ހުސް ބަތްކޮޅެކެވެ.

ހުޔާންގެ ކޮއްކޮ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ސަރުކާރުން ހޮސްޕިޓަލު ބިލުގެ އެއްބައި ދައްކައިދިނެވެ. ބާކީ ބައި ހުޔާން އަށް ދައްކަން ޖެހުނީ މީހެއް އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ.

ހުޔާން ކޮލެޖަށް ދަމުން ޕާޓް ޓައިމް ދެ ވަޒީފާވެސް އަދާކުރަމުން ދަނިކޮށް އޭނާ މާ ބޮޑަށް ބަލިވެފައި ހުންނަކަން ކްލާސް ކުދިންނަށް ފާހަގަ ކުރެވެން ފެށި އެވެ. ހުޔާން ބަލިކަން އެނގުމުން އެހިސާބުގަނޑުގެ ބައެއް މީހުން އެހީވެގެން އޭނާ ޑޮކްޓަރަށް ދައްކައިގެން ބޭސް ކުރަން ފެށި އެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ހުޔާންގެ ހާލު ދެރަ ވަމުން ދިޔަ އެވެ.

ހުޔާންގެ ހިތުގެ ވޭލްވްތަކުގައި މައްސަލަ އުޅޭ ކަމާއި ސާޖަރީ ހަދަން ޖެހޭކަން ކުރަން އެނގި ހުރެ ވެސް ފައިސާ ނެތީމަ އެކަން ނުކުރަން ހުޔާން ނިންމި އެވެ. ބޭސްނުކުރުމުގެ ސަބަބުން ހުޔާން ވަރަށް ބޮޑަށް އަނަރޫފަވެ ހާލު ދެރަވަމުން ގޮސް ދުނިޔެ ދޫކުރީ އެވެ. ހުޔާން މަރުވިއިރު އޭނާގެ ބަރުދަނަކީ އެންމެ 42 ޕައުންޑެވެ.

ހުޔާންއަކީ އަޒުމާއި ހިތްވަރު އަދި ކެތްތެރިކަމުގެ މިސާލެކެވެ. އަމިއްލަ ފުރާނަ ދިޔައިރުވެސް އޭނާ މަސައްކަތް ކުރަމުން ދިޔައީ ކޮއްކޮއަށް އަޅާލާ ލޯބިދިނުމަށެވެ. ދުނިޔޭން ވެސް މިފަދަ މީހަކު ފެންނާނީ ވަރަށް މަދުންނެވެ.