އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީމަގު ގުޅުނު ކަންމަތީ ތޫނު އެއްޗެހި ބޭނުންކޮށްގެން ހިންގި މާރާމާރީގެ ތުހުމަތު އޮތް އިތުރު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާރާމާރީ އާއި ގުޅިގެން ހޯދަމުން ދިޔަ މީހުންގެ ތެރެއިން ހައްޔަރު ކޮށްފައި ވަނީ ތ. ތިމަރަފުށި ސީނުގޭ އުމުރުން 22 އަހަރުގެ އަހުމަދު ޝިމްހާޒު އަދި މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް 18، އެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތް ވަނަ ދުވަހު މާލެ އިންނެވެ. މި މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އީދު ދުވަހު ހިންގި މާރާމާރީއާއި ގުޅިގެން ހަތް މީހަކު ހޯދަން ފުލުހުން ކުރިން އިއުލާނުކޮށްފައިވާއިރު، މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން ދެން ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ގދ. ވާދޫ އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް އަދި 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
ފުލުހުން ބުނީ މީގެ އިތުރުން އިތުރު ފަސް މީހަކު ހޯދަމުން އަންނަ ކަމަށެވެ. އެ ފަސް މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ.

ފުލުހުން ހޯދާ ފަސް މީހުން
- ދަފްތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ (27އ)
- ގއ. މާމެންދޫ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު (24އ)
- ގއ. ގެމަނަފުށި ކެނެރީގެ، އަހުމަދު ނާޒިހު (27އ)
- ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު (20އ)
- ސ. މަރަދޫ ކޮރަލް، އަހުމަދު ސާތިއު (21އ)
މާރާމާރީތައް ހުއްޓުފައި އޮތުމަށްފަހު އީދު ބަންދު ތެރޭގައި މާލެ އަދި ހުޅުމާލޭގައި ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގައިފަ އެވެ. މާރާމާރީތައް ހިންގީ ކޮން ސަބަބަކާ ގުޅިގެންކަން ނޭންގުނަސް އެ މާރާމާރީތައް ވަޅު އީދު ދުވަހު ފަށަން އޮތް ބައިބަލާ މުބާރާތާއި ގުޅުން އޮތް ކަމަށް ބެލެވި އެ މުބާރާތް ފުލުހުން އެދިގެން ފަސްކުރި އެވެ.
އެކަމަކު މުބާރާތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.