ބޮލީވުޑް

"ކޭޖީއެފް 2" ބަލަން ސިނަމާގައި އިންދާ މަރުވެއްޖެ

މިހާރު ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުންދާ ވަރުގަދަ ފިލްމު "ކޭޖީއެފް 2" އަށް މިހާތަނަށް މުޅި ދުނިޔޭން 1000 ކްރޯޑަށް ވުރެ ގިނައިން ލިބިއްޖެ އެވެ. ސައުތު އިންޑިއާގެ މި ފިލްމުގައި ބޮލީވުޑް އެކްޓަރުންގެ ތެރެއިން ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ބައިވެރިވެ އެވެ. ބަތަލުގެ ބައި ކުޅެފައިވަނީ ސައުތު އިންޑިއާގެ އެކްޓަރެއް ކަމަށްވާ ޔާޝް އެވެ.

ޔާޝް މި ފިލްމުގައި ކުޅެފައިވާ ރޮކީ ބާއީގެ ކެރެކްޓާ އާ ހެދި އިންޑިޔާ މީހުން މިހާރު ތިބީ މޮޔަވާ ދަރަޖައިގަ އެވެ.

މި ފިލްމުގެ ކާމިޔާބީގެ އުފާ ފާޅު ކުރަމުން ދަނިކޮށް މޭ މަހުގެ 9 ވަނަ ދުވަހު ވަރަށް ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފަ އެވެ. އަންދްރަ ޕްރަދޭޝްގެ އެލޫރޫގައި ހުރި ސިނަމާއަކަށް ކޭޖީއެފް 2" ބަލަން ދިޔަ މީހަކު ފިލްމު ބަލަން އިންދާ މަރުވެގެން ވެއްޓުނީ އެވެ.

މި ޚަބަރު ލިބުމުން ފުލުހުން އައިސް އެމީހާގެ ހަށިގަނޑު ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮއްސަ އެވެ. އަދި އޮޓޮޕްސީ ރިޕޯޓު ލިބުނީމަ ނޫނީ އެމީހާ މަރުވި ސަބަބުން ބުނެދޭން ނޭނގޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ހަމަ މި ފިލްމު އަޅުވާފައިވާ ސިނަމާއެއްގެ ތެރޭގައި މިފަދަ އާދަޔާޚިލާފުކަމެއް ހިނގައި މީހެއްގެ ފުރާނަ ގޮސްފައި ވެއެވެ.

މި މަންޒަރު ފެނުނު މީހުން ބުނެފައި ވަނީ ފުރަތަމައިނުން މީހުންނަށް އުނދަގޫވާ ގޮތަށް އުޅެން ފެށީ މަރުވި މީހާ ކަމަށެވެ. އެހެން މީހުންނަށް ފިލްމު ބަލަން ތިބެން އުނދަގޫވާ ގޮތަށް އެމީހާ އަޑުގަދަކޮށް އުޅެން ފެށުމުން ފިލްމު ބަލަން ވަދެ އިން އެހެން މީހަކު ވަނީ އޭނާގެ ގަޔަށް ބަޑިޖަހާފަ އެވެ.