ޓެކްސް

ފެބްރުއަރީގައި ޕީބީޓީ ދެއްކި އަދަދު ދަށަށް

މިދިޔަ ފެބްރުއަރީ މަހު ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ދެއްކި އަދަދު ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ މިދިޔަ މަހުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އެހެނިހެން ހުރިހާ ޓެކުހެއް މަތިނަމަވެސް މުޅި އަހަރު ދުވަހަށް ބެލިނަމަވެސް ވިޔަފާރީގެ ފައިދާއިން ޓެކްސް ދެއްކި އަދަދު ދަނީ ދަށްވަމުންނެވެ. މިގޮތުން މިދިޔަ ފެބްރުއަރީ މަހު ބީޕީޓީގެ ގޮތުގައި ދައްކާފައިވަނީ 29.8 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 50 މިލިއަން ރުފިޔާ ދައްކާފަައިވެ އެވެ.

މި އަހަރުގެ ޖެނުއަރީން ފެބްރުއަރީ މަހަށް ބަލާނަމަ ބީޕީޓީގެ ގޮތުގައި ދައްކާފައިވަނީ 400 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 447.9 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 1.5 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ. މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ޓެކްސްގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބުނީ ތިން ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ހިލޭ އެހީ އާއި ޖުމްލަ އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު 5.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ.