ރަޝިޔާ

އޭރޯފްލޮޓް ފަށައިފި، ދުވާލަކު އެއް ފްލައިޓް

ރަޝިއާގެ ގައުމީ އެއާލައިން، އޭރޯފްލޮޓްގެ ދަތުރުތައް ދުވާލަކު އެއް ފްލައިޓާއެކު މިއަދު ފަށައިފި އެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯ އިން ޑައިރެކްޓްކޮށް ރާއްޖެއަށް ބާއްވާ އޭރޯފްލޮޓުގެ ދަތުރުތައް މެދުކަނޑާލީ ޔޫކްރެން - ރަޝިއާ ހަނގުރާމައިގެ ސަބަބުން ރަޝިއާ އަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މި ފިޔަވަޅުތަކާއެކު އެ ގައުމުގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ދަތުރުތައް މުޅި ދުނިޔެ އަށް ހުއްޓާލި އެވެ. ނަމަވެސް އަލުން މިހާރު މިވަނީ ފަށާފަ އެވެ.

މިއަދު 296 ޓޫރިސްޓުން

މި ދަތުރުތަކުގައި ރާއްޖޭން ރަޝިއާއަށް ޓިކެޓު އުޅެނީ އެކި ކްލާސްތަކުގައި ޖުމްލަ ގޮތެއްގައި 447 ޑޮލަރާއި 1،000 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ. މި އެއާލައިންގެ ސައިޓުން އެނގޭ ގޮތުގައި އަންނަ މަހުގެ ފަހުކޮޅާ ހަމައަށް އެއްކޮށް ވަނީ ފުލްވެފަ އެވެ. މިއަދު އައި ފްލައިޓު ވެސް އެއްކޮށް ފުލްކޮށް އޮތްއިރު މި ފްލައިޓުން 296 ޓޫރިސްޓުން އައިސްފައިވެ އެވެ.

އޭރޯފްލޮޓްގެ ދަތުރުތައް އަލުން ފަށާފައިވާއިރު މިއަދު ވަނީ ފުރަތަމަ ފްލައިޓް ޖައްސާފަ އެވެ. މި ފްލައިޓުގެ ދަތުރުތައް އަލުން ފަށާފައިވާއިރު ފުރަތަމަ އަންނަނީ ކޮންމެ ދުވަހަކު އެއް ފްލައިޓެކެވެ. އެނގިފައިވާ ގޮތުގައި މިއަދު ރަޝިއާ އިން އައި ފްލައިޓުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 10 ޕަސެންޓަށްވުރެ ބޮޑު ބައެއް ހިއްސާ ކުރާ ރަޝިއާ އިން މި ފްލައިޓް ފެށިއިރު މި މާކެޓު ވަނީ ބޮޑުތަން އަޑިއަޅާލާފަ އެވެ. އަދި މި މާކެޓުން އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބަބުން ރިސޯޓުތަކުގެ އާމްދަނީއަށް ވަނީ ބޮޑު އަސަރެއް ކޮށްފަ އެވެ. ނަމަވެސް މި ފްލައިޓް އަލުން ފެށުމާއެކު އެ މާކެޓު ބޮޑުތަނުން ރަނގަޅުވެ ޓޫރިޒަމް އާމްދަނީ އިތުރުވާނެ ކަމަށް ވަނީ ބެލިފަ އެވެ.