މޯލްޑިވްސް ޕޮލިސް ސާވިސް

ޔާމީންގެ ގެކޮޅަށް ގެއްލުންދިން މައްސަލާގައި މީހަކު ހައްޔަރަށް

May 17, 2022

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޔާމީންގެ ގެކޮޅާއި އަދި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލައިފައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 16 ވަނަ ދުވަހު އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ބަޔަކު ގެއްލުން ދީފައި ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ނުބަލާ ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުން ދަނިކޮށެވެ.

ދޫވެހި ރަސްމީ ދޮރާއްޓާއި ގަރާޖު ގޭޓުގައި ޔާމީންގެ ފޮޓޯއާއެކު ސްޕްރޭކޮށްފައިވާ ލިޔުމުގައި ބުނަނީ ޔާމީން ހައްޔަރުކުރުމަށެވެ. އަދި ޕީޕީއެމް އޮފީހާއި އެ އޮފީސް ދޮރުމަތީ ހަރުކޮށްފައި ހުރި ޕޯސްޓަރުގައި ވެސް އެހެން ލިޔެފައިވެ އެވެ.