ޓޫރިޒަމް

ޓޫރިސްޓުންނަށް އޮޅުވާލުމުގެ ތުހުމަތުގައި އެޖެންސީއެއްގެ ހުއްދަ ހިފައްޓައިފި

ރާއްޖެ އަންނަން ބުކިން ހަދަން ފައިސާ ނަގައި ކޮޓަރި ހަމަޖައްސައި ނުދިން މައްސަލައަކާ ގުޅިގެން، ދިވެހި ޓްރެވަލް އެޖެންސީއެއްގެ ހުއްދަ ހިފަހައްޓައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ބުކިން ހަދައި އެކޮމޮޑޭޝަން ނުދިން މައްސަލައަކާ ގުޅިގެން ހުއްދަ ހިފަހައްޓާފައިވަނީ އެކްސްޕްލޯ އިނަ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ މި ކުންފުނީގެ ހުއްދަ ހިފައްޓާފައިވަނީ ރާއްޖެއަށް އަންނަން ބުކިން ހެއްދި ބައެއްގެ އަތުން ފައިސާ ނަގައި އެކޮމޮޑޭޝަން ހަމަޖައްސައި ނުދިނުމާ ގުޅިގެން ލިބުނު ޝަކުވާތަކެއްގެ ސަބަބުންނެވެ.

"ޖެނުއަރީން ފެށިގެން އެ މައްސަލަ އޮތް. މިނިސްޓްރީ އަަށް ކޮމްޕްލެއިން އައުމާ ގުޅިގެން އެ ކުންފުނި [އެކްސްޕްލޯ އިން މޯލްޑިވްސް] އަށް ޖަވާބު ދާރީވާން އެންގުމުން ވެސް ނުވި. މެއިލް އަދި ފޯނުން ޖަވާބުދާރީ ވާން އެދުމުން ވެސް ފަހުން ހަބަރެއް ނެތް. އެހެންވެ ސަސްޕެންޑް ކުރީ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް މީހުން ގެންނަން ފައިސާ ނަގައި، އެކޮމޮޑޭޝަން ހަޖައްސައި ނުދިން މައްސަލައާ ގުޅިގެން ޝަކުވާ ކޮށްފައިވަނީ ރާއްޖޭން ބޭރުގެ ހަތަރު ފަރާތަކުންނެވެ.

"މި މައްސަލަ ޖެހުމުން ބެލިބެލުމުން އެއްވެސް މުއާމަލާތެއް ރިސޯޓަކާ ވެސް އެކްސްޕްލޯ އިނަ މޯލްޑިވްސް އިން ކޮށްފައެއް ނެތްކަން އެނގުނު. އެހެންވެ ސަސްޕެންޑް ކުރަން ޖެހުނީ،" ޝަރީފް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޓްރެވަލް އެޖެންސީގެ ދަފުތަރުގައި މި ކުންފުނީގެ ނަމެއް މިހާރު ނެތެވެ. އަދި އަވަސް އިން މި ކުންފުންޏާ ގުޅޭނެ ގޮތެއްވޭތޯ މަަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 500 އަށް ވުރެ ގިނަ ޓްރެވަލް ކުންފުނި ހަރަކާތްތެރިވެ އެވެ. ނަމަވެސް މި ކުންފުނިތައް ރަނގަޅަށް ރެގިއުލޭޓް ނުކުރެވުމާއި އެ މީހުންނަށް އެއްވެސް އެހީތެރިކަމެއް ސަރުކާރުން ނުދިނުމަކީ ދާއިމީ ޝަކުވާ އެކެވެ.