ޕީޕީއެމް

އިދިކޮޅު މުޒާހަރާއިން ހަތް މީހަކު ހައްޔަރުކޮށްފި

May 19, 2022

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ މައި އޮފީސް ކުރިމަތީގައި އާއި މާލޭގެ ބައެއް މަގުތަކުގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރީ ފުލުހުންނާ އެ މީހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގުމަށްފަހު އެވެ.

ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އިދިކޮޅު ޕާޓީގެ ސަޕޯޓަރުން މުޒާހަރާކުރަމުން މިދަނީ އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ހައްޔަރުކުރަމުންދާ ވަގުތެއްގަ އެވެ.

މާލޭގެ އެކި އިމާރާތްތަކާއި ބައެއް މަގުތަކުގައި ސްޕްރޭ ކޮށްގެން އިންޑިއާ އައުޓް ޖެހި މީހަކު ވެސް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ވަނީ ދައުލަތުގެ އިދާރާތަކަށް އަމުރުކުރައްވާފަ އެވެ.

ރައީސްގެ ގަރާރާ ގުޅިގެން ފުލުހުން ގެންދަނީ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގައި، ބެނާތައް ދަމާފައިވާ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.