ވިޔަފާރި

ފިޑިކް އިން އިމާރާތް ކުރުމުގެ ދާއިރާއަށް އޮންލައިން ކޯހެއް

May 21, 2022

އިމާރާތްކުރުމުގެ ދާއިރާގެ އެއްބަސްވުންތަކަށް ނިސްބަތް ކުރާ އިންޓަނޭޝަނަލް ފެޑަރޭޝަން ކޮންސަލްޓިން އިންޖިނިއާސް (ފިޑިކް) އިން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އަށް ހާއްސަކޮށް ކޯހެއް ހުޅުވާލައިިފި އެވެ.

ދުނިޔޭގެ އިމާރާތް ކުރުމުގެ ދާއިރާގެ އެއްބަސްވުންތައް ހެދުމުގައި މިންގަނޑަކަށް ބަލާ ފިޑިކް އިން އޮންލައިންކޮށް މިފަހަރު ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ހުޅުވާލާފައިވާ ކޯސް ހާއްސަވަނީ އެގްރީމެންޓްތައް ހެދުމުގައި އިސްކަން ދޭން ޖެހޭ މިންގަނޑުތަކުގެ މައްޗަށެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މިކޯހުގައި އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކުގައި ހަރަކާތްތެރިވާ ލޯޔަރުންނާއި ކުންފުނިތަކުގެ ވެރިން އަދި މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކޯހުގެ ފީއަކީ 500 ޑޮލަރެވެ.

ފިޑިކްގެ މި ކޯސް ރާއްޖެ އަށް އަގުހެޔޮކޮށް ލިބުނީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ރައީސް މުހައްމަދު އަލީ ޖަނާހު އާއި ފިޑިކްގެ ރައީސް ޑރ. ނެލްސަން ބައްދަލު ކުރައްވައި އެ ޖަމިއްޔާއާއެކު މިދިޔަ އަހަރު ހެދި އެއްބަސްވުމުގެ ދަށުންނެވެ.

ފިޑިކް އިން މިހާރު ރާއްޖެ އަށް ހުޅުވާލާފައިވާ ކޯހާ ބެހޭ ގޮތުން އެމްއެންއޭސީއައިގެ ބޯޑު މެންބަރު އައިމިނަތު ސޫޒަން ވިދާޅުވީ މި ކޯހަކީ ކޮންސްޓްރަކްޝަން ދާއިރާއަށް މުހިއްމު ކޯހެއް ކަމަށެވެ. މީގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ގިނަ އެއްބަސްވުންތައް ހާއްސަކޮށް އިންޓަނޭޝަނަލް ކޮންޓްރަކްޓަރުންނާއެކު ހަދާ އެއްބަސްވުންތައް ހުންނަނީ ފިޑިކްގެ އެއްބަސްވުންތަކުގެ މައްޗަށް ކަމަށްވުމެވެ. އެހެންކަމުން މި ކޯހުގެ ސަބަބުން ފިޑިކްގެ މިންގަނޑުތައް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ ކޮންމެ ކުންފުންޏެއްގައި ވެސް ހުންނަން އެބަޖެހޭ މި މިންގަނޑުތައް އެނގޭ މީހެއް. އެހެންވެ މި ކޯހުގައި ހަމައެކަނި ލޯޔަރުން އެކަންޏެއް ނޫން އެހެން ފަރާތްތަކުން ވެސް ބައިވެރިވުން މުހިންމު،" ސޫޒަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުގައި ވެސް ފިޑިކްގެ އެއްބަސްވުމުގެ ބައިތައް ބޭނުންކޮށްފައި ހުންނަ ކަމަށާ، އެހެންވެ މި ކޯސް އިމާރާތް ކުރުމުގެ ދާއިރާ އަށް މުހިންމު ކަމަށެވެ.

"މައްސަލައެއް ޖެހޭ ހިސާބުން އަސްލަކަށް މި ބަލަނީ ފިޑިކްގެ ގައިޑްލައިން. އެހެންވެ މިކަން އެނގިފައި އޮތުން މުހިންމު،" ސޫޒަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އައިސް ބޭރުގެ ބައެއް ފަރާތްތަކުން މިފަދަ ކޯސްތައް ހިންގާ ކަމަށާ ނަމަވެސް މިހާރު ފިޑިކް އިން އިއުލާނުކޮށްފައިވާ ކޯސް ފުރިހަމަ ކުރުމުން ތަފާތުތަކެއް ފާހަގަވާނެ ކަަމަށެވެ.

"ބްލެކުގައި އެކި ފަރާތްތަކުން އެބަ ހިންގާ މިފަދަ ކޯސްތައް. އެކަމަކު ފިޑިކްގެ ކޯސް ހެދުމުން މި ލިބެނީ އެ ފަރާތުގެ ސެޓްފިކެޓެއް،" ސޫޒަން ވިދާޅުވި އެވެ.

ރާއްޖޭގައި އެއްބަަސްވުންތަކުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ. މީގެ މައިގަނޑު ސަބަބަކީ ފިޑިކްގެ ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމައަށް ރާއްޖޭގައި ތަންފީޒު ނުކުރުމެވެ. ނަމަވެސް ރާއްޖޭގައި ބޭރުގެ ކުންފުނި ތަކުން ހިންގާ މަޝްރޫއުތަކުގައި މި ގައިޑްލައިން ފޮލޯ ކުރުން ލާޒިމު ކުރެ އެވެ.