އުމަރު ނަސީރު

ނަޝީދުގެ ފިންގަޕްރިންޓް ޖަހަން ވަކީލުންނާ ފޯމް ހަވާލުކުރަން އުމަރު އަންގައިފި

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަލުން ރަޖިސްޓްރީ ކުރުމަށް ފިންގަޕްރިންޓް ޖަހަން ފޯމް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންނާ ހަވާލުކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިގޮތަށް އަންގާފައިމިވަނީ ރައީސް ނަޝީދު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަލުން ރަޖިސްޓްރީ ކުރުމަށް ފިންގަޕްރިންޓް ހޯދަން އެ މަނިކުފާނާ ބައްދަލުކުރަން އެމްޑީޕީން ހުށަހެޅުމުން އެކަން ކޮށްދެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށް ޕާޓީގެ ޗެއާ ޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ކޮންމެ ދުވަހަކު އެމަނިކުފާނާ ތިން ގަޑިއިރުވަންދެން ބައްދަލުކުރާ ކަމަށާއި އެކިއެކި ލިޔެކިޔުންތަކުގައި ރައީސް ނަޝީދުގެ ސޮއިކުރުވައި އިނގިލީގެ ނިޝާން ޖައްސަވަ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރު ކަމަށްވުމަށް އެދޭ ފޯމް ވެސް ވަކީލުންގެ އަތަށް ދިނުމަށް އުމަރު ވަނީ އެމްޑީޕީއަށް އަންގާފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވެފައިވަނީ، ރައީސް ނަޝީދުގެ އިމގިލީގެ ނިޝާން ޖެހުމުގެ ކަންތައް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމު މެދުވެރިކޮށް ކުރުމަށް ކަރެކްޝަނުން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ނިޔާޒު ވިދާޅުވީ ނަޝީދުގެ އިނގިލީގެ ނިޝާން ނެގުމުގެ ކަންތައް ކުރިއަށް ގެންދަން އެދުނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމް މެދުވެރިކޮށްނޫން ކަމަށާއި ސީދާ ޕާޓީން ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހު އެނގެން އޮންނަން ޖެހެ އެވެ. އެގޮތުން އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަލުން ފޯމުތައް ހުށަހެޅުމަށް އަންގާފައެވެ. އެމްޑީޕީއިން ވަނީ އިނގިލީގެ ނިޝާން ޖެހުމަށް ފޯމް ހުށަހެޅުމުގެ އިތުރުކޮށްދިނުމަށް ހައިކޯޓުގައި އެދިފައެވެ.