މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި މަރާލި އެރަށު ނޫވިލު، އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް މިއަދު ބޭއްވި އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ތޫނު އެއްޗެހިން ހަމަލާދީ ޒިޔަދަމް މަރާލިކަމުގެ ދައުވާ ލިބެނީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ޝިފާންގެ މައްޗަށެވެ.
ދިގު ލައިގެން ގޮސްފައިވާ މި މައްސަލައިގެ އަޑުއެހުން މިއަދު ކުރިއަށް ގެންދެވިފައި ނުވަނީ ދައުވާ ލިބޭ ޝަނޫން ބަލިވެ އުޅޭތީ އެކަން ޝަރީއަތުގައި ފާހަގަ ކުރުމުންނެވެ. އޭނާ ބުނީ ބޭރަށް ހިންގައި ވަރަށް ބޮޑަށް ބޮލުގައި ވެސް ރިއްސާ ކަމަށެވެ. އެހެންކަމުން ޝަރީއަތުގައި ނީންދެވޭނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ ހުލާސާ ބަޔާނުގެ އެއްބައި ހުށަހަޅައިދީފަ އެވެ. ދެ މީހުންގެ ބައި އެއްކޮށް ކުރިއަށް ގެންދާތީ އަޑުއެހުން ކުރިއަށް ގެންދަން ބޭނުންވަނީ އެންމެންގެ ހާޒިރުގައި ކަމަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ހުލާސާ ބަޔާން އިއްވުމަށް އަންނަ މަހުގެ ހަތަރުވަނަ ދުވަސް ވަނީ ތާވަލުކޮށްފަ އެވެ. އެދުވަހު ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިންމަންވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ އިތުރަށް ވިދާޅުވެފައި ވަނީ އެ ސެކްޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ވީ މައްސަލައަކީ ވެސް މިއީ ކަމަށެވެ. އެކި ސަބަބުތަކާ ހުރެ އަޑުއެހުންތައް ކުރިއަށް ނުގެންދެވޭތީ ގާޒީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުގެ ރޭ އެރަށު ވަގުތީހިޔާ ގެ ކައިރީގައި ޒިޔަދަމާއި އިތުރު މީހަކު މާރާމާރީ ހިންގަމުން ދަނިކޮށް ދައުވާލިބޭ ދެ މީހުން އެތަނަށް ގޮސް، ތޫނު އެއްޗެހިން ޒިޔަދަށް ހަމަލާދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ އެ ދެ މީހުން އެތަނަށް ގޮސް ޒިޔަދަމަށް ހަމަލާދޭން ފެށުމުން ސަލާމަތްވާން ވަގުތީހިޔާ ގޭ ތެރެއަށް ޒިޔަދަމް ވަނުމުން އޭނާ ފަހަތުން އެ ދެ މީހުން ގޮސް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
ޒިޔަދަމް މަރާލިކަމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް އެ މައްސަލައިގެ ދައުވާ ލިބޭ ޝަނޫންގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެއީ ބިރު ދެއްކުމުގެ ދައުވާއަކާއި މާރާމާރީ ހިންގުމުގެ ދައުވާ އެކެވެ. މާރާމާރީ ހިންގުމުގެ ދައުވާ ކުރަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ބުނެ އެވެ. ބިރު ދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށް ބުނެ އެވެ.