ލައިފްސްޓައިލް

ފަރުވާ ލަސްވެގެން ލަންކާގައި މަރުވި ކުއްޖެއްގެ ވާހަކަ

ސްރީލަންކާގައި ޕެޓްރޯލް ލިބުމުން އިންތިހާއަށް ދަތިކަމަށް ވެފައިވާއިރު މީގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ބަލިވާ މީހުންނަށާއި ކުދިންނަށެވެ.

ޕެޓްރޯލް ލިޓަރެއް ނުލިބިގެން އޭނާގެ ދަރިފުޅު ހޮސްޕިޓަލަށް ނުގެންދެވިގެން އުޅެނިކޮށް ދަރިފުޅު މަރުވާ މަންޒަރު ފެންނަ ބައްޕައެއްގެ އިހްސާސްތައް ހުންނާނެ ގޮތް ހީކޮށްލާށެވެ. ކިތަންމެ ކުޑަ ނަމަވެސް ޕެޓްރޯލް ކޮޅެއް ލިބުނު ނަމަ ދަރިފުޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީގެން ރަނގަޅުވާނެކަމުގެ ޔަގީންކަން އޮތް ބައްޕަ އަކަށް އެކަން ނުކުރެވި ދަރިފުޅު ބީވެ ދިއުމުން ކުރާނެ އަސަރު ވިސްނާލާށެވެ.

ޝަނާކާ ރޯޝަން ޕަތިރާނާ އަކީ ދިޔަތަލަވާ ހޮސްޕިޓަލުގެ ޖުޑިޝަލް މެޑިކަލް އޮފިސަރެވެ. އޭނާ ޕޯސްޓްމާޓަމް ހެދި ކުޑަ ކުއްޖެއްގެ ވާހަކަ އިއްޔެ އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ކޮލަމްބޯއާއި 190 ކިލޯމީޓަރު ދުރުގައި އޮންނަ ހަލްޑަމުއްލާ ކިޔާ ރަށުގައި ދެމަފިރިއަކު އެމީހުންގެ ތުއްތު ފިރިހެން ދަރިފުޅު ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ނެތިގެން ރޮއި ހޭރެމުން ދިޔަ އެވެ. ދަރިފުޅަށް ޖޯންޑިސް ޖެހި އެއްގޮތަކަށް ވެސް ބުއްކޮޅެއް ނުބޮއިގެންނެވެ.
ކުއްޖާގެ ބައްޕަ އެތައް ގަޑިއިރެއް ވަންދެން ޕެޓްރޯލް ކިއުގައި ހުއްޓެވެ. އެންމެ ފަހުން ޕެޓްރޯލް ލިބިގެން ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޮތީ ވަރަށް ހާލު ދެރަވެފަ އެވެ. އަދި ފަރުވާ ދެވުނުލެއް ލަސްވެގެން އެ ކުއްޖާ މާ ގިނައިރެއް ނުވެ މަރުވީ އެވެ.

ތުއްތު ކުއްޖާގެ ޕޯސްޓް މާޓަމް ހެދި އޮފިސަރު ލިޔެފައިވާ ގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް ހުރީ ފުރިހަމައަށެވެ. އޭނާގެ ގައިގައި މާ ބޮޑު ބައްޔެއް ނެތެވެ. އެކަށީގެންވާ ފަރުވާ އަވަހަށް ދެވުނު ނަމަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުމުގެ ފުރުސަތު ބޮޑެވެ.

އެންމެ ޕެޓްރޯލް ލިޓަރެއް ނުލިބިގެން ދަރިފުޅުގެ ފުރާނަ ދިޔަ މަންޒަރު ފެނުނު ދެމަފިރިންގެ މިހާރުގެ ހާލަތާ މެދު ވިސްނާލުމަށް ޕޯސްޓް މާޓަމް އޮފިސަރު އެދިފައި ވެއެވެ. އަދި ރައްޔިތުންނަށް މިހާ ހާލު ޖައްސާފައިވާތީ ލަންކަގެ ސިޔާސީ ފަރާތްތަކަށް އޭނާ ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ.