ލައިފްސްޓައިލް

ކާންދިން މީހާ މަރުވުމުން ރާމާމަކުނެއް ވަރަށް ދެރަވެއްޖެ

މީހުން ދެކެ ލޯބިވާށާއި އެމީހުން ވަކިވެ ދިއުމުން ހިތަށް އަސަރު ކޮށްގެން ރޯން އެނގެނީ ހަމައެކަނި އިންސާނުންނަށޭ ބުނީ ކާކު ހެއްޔެވެ؟ ސްރީލަންކާގެ އިރުމަތީގައި އޮންނަ ބެޓިކަލޯގައި މީގެ ދެ ދުވަހެއް ކުރިން ހިނގި ހާދިސާއެއްގައި ރާމާމަކުނެއް އެސޮރަށް ކޮންމެ ދުވަހަކު ކާންދީ ލޯބިދިން މީހާ މަރުވުމުން ވަރަށް ދެރަވެގެން އުޅުނުތަން ވަނީ ފެނިފަ އެވެ.

އެ މީހާ މަރުވުމުން އާއިލާގެ މީހުންނާއި އެކުވެރިން އަދި އޭނާ ދަންނަ ގިނަ ބަޔަކު އޭނާގެ ޖަނާޒާގައި ބައިވެރިވެ އެންމެ ފަހުގެ އިހުތިރާމް އަދާކުރަމުން ދިޔަ އެވެ. ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ރާމާމަކުނު އެތަނަށް އައެވެ. އެ ރާމާމަކުނަކީ މަރުވެފައި އޮތް މީހާ ވަރަށް ގާތް އެކުވެރިކަމެއް ބޭއްވި މަކުނެކެވެ. އަދި ކޮންމެ ދުވަހަކު އެ މީހާގެ ގެޔަށް ރާމާމަކުނު ދިއުމުން އެމީހާ އެސޮރަށް ކާން ދީފައި ވެއެވެ.

މަކުނަށް ކޮންމެވެސް ގޮތަކުން އޭނާއަށް ކާންދިން މީހާ މަރުވިކަން އެނގިގެން ޖަނާޒާ އޮތް ތަނަށް އައިސް އެމީހާގެ ގަބުރުގެ ފައިލާކޮޅުގައި އިށީނެވެ. ރާމާމަކުނު އެތަނުން ދުރަށް ލާން އެތަނުގައި ތިބި މީހުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެސޮރު އެ އިންތަނުން އެއްގޮތަކަށް ވެސް ގުޑާލާ ގޮތެއް ނުވި އެވެ.

ރާމާމަކުނު އެތައް އިރަކު ގަބުރުގެ ފައިކައިރީގައި އިނުމަށްފަހު ހަށިގަނޑުގެ މެދަކާ ހަމަޔަށް ދިޔައެވެ. އެސޮރު އުޅުނު ގޮތުން އެ މީހާ ނޭވާ ލާތޯ ނުލާތޯ ޔަގީންކުރަން އުޅެނީ ކަމަށް އެތަނުގައި ތިބި މީހުންނަށް ލަފާ ކުރެވުނެވެ.

އެ ސޮރުގެ އަތުން މަރުވެފައިވާ މީހާގެ މޫނުގައި ވަރަށް ލޯބިން ފިރުމާލާފައި އެމީހާ ހޭލައްވަން މަސައްކަތްކުރާތަން ވެސް ފެނުނެވެ. އަދި މޫނާ ކައިރިވެލާފައި ނޭވާ ލާތޯ ޗެކް ކުރި ތަން ވެސް ފެނުނެވެ.

މިއީ ޖަނަވާރެއްގެ ހިތުގައި އިންސާނަކާ ދޭތެރޭ އުފެދިފައިވާ އާދަޔާޚިލާފު ލޯތްބެއް ވަރަށް ރަނގަޅަށް ހާމަވި ހާދިސާ އެކެވެ.