މޯލްޑިވްސް ޕޮލިސް ސާވިސް

ވެއްޓުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

މާފަންނު ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު ކަމަށް ބުނާ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

މިރޭ 8:30 ގައި ހިނގި ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ ބުނީ މާފަންނު ގެއެއްގެ މަތީން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ވެއްޓުނު ކަމަށް ބުނާ ކުއްޖާ ފެންނަން ނެތް ކަމަށެވެ. އެހެން ކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކުއްޖާ ވެއްޓިފައިވަނީ ހަތަރުވަނަ ފަންގިފިލާއިން ކަމަށްވެސް ފުލުހުންނަށް ލިބުނު މައުލޫމާތުގެ އަލީގައި ބުންޏެވެ.

އޭގެ ފަހަށް ފުލުހުން ވަނީ އެ ކުއްޖާ ގެއަށް އައިސްފައިވާ ކަމަށް ބުނެފައެވެ. ކުއްޖާ ގެއަށް އައީ ހާދިސާ ހިނގި ކަމަށް ބުނާ ގަޑީގެ އެއްގަޑިއިރާއި 17 މިނެޓް ފަހުންނެވެ. އެއީ 9:47 ގައެވެ. ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ. އިމާރާތުގެ މަތީން ކުއްޖާ ވެއްޓުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް މިހާރު ކަށަވަރެެއް ނޫނެވެ. އަދި ވެއްޓުނު ކަމަށް ބުނާ ވަގުތުން ފެށިގެން ގެއަށް އައުމާ ދެމެދު ހިނގި ވަގުތުތަކުގައި ކުއްޖާ އުޅުނީ ކޮންތާކު ކަމެއްވެސް ސާފެއް ނުވިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކުރި ގޮތަކާ ގުޅޭގޮތުން ސުވާލު ކުރުމުންވެސް ފުލުހުން އަދި ޖަވާބެއް ނުދެއެވެ.