ކްރިމިނަލް ކޯޓް

ވާރިސް ބުނީ ގިސޯސް އަދި މަރުގެ ދިޔަ ބޭނުންނުވާ ކަމަށް

ށ. ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ އަންހެން ކުއްޖާގެ ގަޔަށް ވަޅިޖަހާ މަރާލި ކަން ސާބިތުވެފައިވާ އޭނާގެ މަންމަ، ށ. ފުނަދޫ ދިނަށަ، އާމިނަތު ޝާހިދާގެ ކިބައިން ގިސޯސް ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށް ވާރިސު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ދަރިފުޅު މަރައިލި މައްސަލައިގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ މައްސަލައިގެ ހެކި ގަރީނާއަށް ބަލައި ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.

އެހެންކަމުން ކޯޓުގައި އިއްޔެ ވަނީ ވާރިސުންގެ ބަސް ނަގައިފަ އެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ކޯޓުން ބުނީ ކުޑަކުއްޖާގެ ވާރިސުންގެ ގޮތުގައި ހުރީ އެންމެ މީހެއް ކަމަށެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ގިސޯސް ހިފާން ވެސް އަދި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ.

އޭގެ ފަހުން ދެފަރާތުން ވަނީ މައްސަލައިގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. ހުކުމް ކުރުން ތާވަލުކޮށްފައި ވަނީ މިމަހުގެ ހަވަނަ ދުވަހަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލް އެވެ.

ފެބްރުއަރީ 16، 2016ގައި ކުޑަކުއްޖާ މަރާލާފައިވަނީ ހަށިގަނޑުގެ 10 ތަނަކަށް ވަޅި ހަރައިގެންނެވެ. އެއީކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެންނެވެ. އެހާދިސާ ހިނގިއިރު ޝާހީދާގެ ހަ އަހަރުގެ އަންހެން ދަރިފުޅުވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށްވެ އެވެ. ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވެ އެވެ.