ކްރިމިނަލް ކޯޓް

ދަރިފުޅު މަރާލިކަން ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ

ށ. ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ އަންހެން ކުއްޖާގެ ގަޔަށް ވަޅިޖަހާ މަރާލި ކަން އޭނާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ފެބްރުއަރީ 16، 2016ގައި ކުޑަކުއްޖާ މަރާލާފައިވަނީ ހަށިގަނޑުގެ 10 ތަނަކަށް ވަޅި ހަރައިގެންނެވެ. އެއީކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެންނެވެ. އެހާދިސާ ހިނގިއިރު ޝާހީދާގެ ހަ އަހަރުގެ އަންހެން ދަރިފުޅުވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށްވެ އެވެ. ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވެ އެވެ.

އެ މައްސަލައިގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ މައްސަލައިގައި ހުރި ހެއްކާއި ގަރީނާތަކަށް ބަލައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. މިމައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އެވެ.

މި މައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ހޯދުމެވެ. ވާރިސުންގެ ބަސް ހޯދުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހަށެވެ. އެދުވަހު ވާރިސުންގެ ބަސް ހޯދުމަށްފަހު އަދަބާ ބެހޭ ގޮތުން ވާހަކަދެއްކުމަށްފަހު ހުކުމް ކުރުން އޮންނާނެ އެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ކުޑަކުއްޖާ މަރާލިއިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށެވެ.

ފުލުހުން ވަނީ އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ވެސް ދައްކާފަ އެވެ. ޝާހިދާއަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި ނިދަން އުނދަގުވުމާއި، އެހެނިހެން މައްސަލަތައް ވެސް ހިމެނެ އެވެ.