ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދު ތާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް ޔާމީން ވަނީ އިންކާރުކުރައްވާފަ އެވެ.
މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައިފައިވާއިރު މިއަދު 1:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން އިފްތިތާހީ ބަޔާން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ އަޑުއެހުން ކެންސަލް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ވެފައި ވަނީ މިއަދުން ފެށިގެން މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނެލްގައި ލައިވްކުރުމަށް ނިންމާފައި ވަނިކޮށެވެ.
އިބްތިދާއީ މަރުހަލާގައި އެތައް ފަހަރެއްގެ މަތިން ޔާމީންގެ ފަރާތްޕުޅުން ވަނީ މައްސަލަތައް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު މައްސަލަ ބައްލަވާ އިސް ގާޒީ ތަކުރާރުކޮށް ވިދާޅުވެފައި ވަނީ މައްސަލަ ލައިވްކުރާނެ ވަސީލަތްތައް އެވަގުތު ކޯޓުގައި ނެތް ކަމަށެވެ. އެކަން ކުރާނެ މީހުން ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޝަރީއަތްތައް ފެށިގެންދާއިރު އެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ކުރިން ވަނީ ވިދާޅުވެފަ އެވެ.