ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް މާދަމާ އިން ފެށިގެން ކްރިމިނަލް ކޯޓުގައި ލައިވް ކުރާނެ ކަމަށް އެކޯޓުން ބުނެފި އެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނެލް އިން ލައިވްކުރާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި އިބްތިދާއީ މަރުހަލާ ނިމި ދެން އޮންނާނީ ޝަރީއަތް ފެށުމުގެ މަރުހަލާ އެވެ. އިބްތިދާއީ މަރުހަލާގައި އެތައް ފަހަރެއްގެ މަތިން ޔާމީންގެ ފަރާތްޕުޅުން ވަނީ މައްސަލަތައް ލައިވްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ މައްސަލަ ލައިވްކުރާނެ ވަސީލަތްތައް އެވަގުތު ކޯޓުގައި ނެތް ކަމަށެވެ. އެކަން ކުރާނެ މީހުން ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޝަރީއަތްތައް ފެށިގެންދާއިރު އެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ ޝަރީއަތްތައް ފެށުމަށް މާދާމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މެންދުރުފަހު 1:00 އަށެވެ.
މީގެ ކުރިން އެ ކޯޓުން ޔާމީންގެ މައްޗަށް ސާބިތުވި ގއ. ވޮޑުމުލާއާ ގުޅޭ ޝަރީއަތްތައް ވެސް ޔޫޓިއުބް ޗެނެލްގައި ލައިވްކުރި އެވެ.