ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފެންނަނީ ފުލުސް ފެއިލްވުމުގެ ނަތީޖާ: ޖަމީލް

ރާއްޖޭގައި އަމަންއަމާން ކަން ގާއިމު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިހްލާސްތެރިވާން ޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ކުރީން ހޯމް މިނިސްޓަރުކަންވެސް ކުރެއްވެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނަށް ޖަމީލް މިފަދަ އިލްތިމާސެއް ކުރެއްވީ ސ. ފޭދޫގައި މާރާމާރީ ހިންގާ ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައެވެ. މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ މަރުވީ މިއަދު ހެނދުނު އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދެނިކޮށް މަރުވީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

އެ ހާދިސާއާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޖަމީލް ވަނީ ދިވެހި ފުލުހުންގެ ހިދުމަތުން އަސްލު މަސްއޫލިއްޔަތު އަދާކުރައްވަން ނުވޭތޯ ސުވާލު ކުރައްވާފައެވެ. ރާއްޖޭގައި އަމަންއަމާން ކަން ގާއިމު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިހްލާސްތެރިވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި މީހުން މެރުން ފަދަ ބިރުވެރި ހިތާމަވެރި ހާދިސާތައް ހިނގަނީ ފުލުސް ފެއިލްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ ޑްރަގުގެ ހާއްޔަކަށްވެފައި. އަމަންއަމާން ކަން ގާއިމްކުރަން އިހްލާސްތެރިވާންވީ. އިދިކޮޅު މީހުންނަށް އަނިޔާކޮށް ބެނާ ނަގާއިރު ގައުމުގެ ހާލަތު ފެނޭ؟ މި ވެރިކަމުގައި ފުލުހުން ފެއިލްވުމުގެ ނަތީޖާ މި ފެންނަނީ،" ދިވެހި ފުލުހުންގެ ހިދުމަތާއި ކޮމިޝަނަރު މުހައްމަދު ހަމީދަށް ޓެގް ކުރައްވާ ޖަމީލް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫގައި ހިނގަމުންދާ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ.

ފޭދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީ ހިންގާ 19 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލާފަ އެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ މާލޭގަ އެވެ.