ބޮލީވުޑް

ތަފާތު ނަންތަކަކާ އެކު ފިލްމު ފެއާ އެވޯޑްސް!

އިންޑިޔާގެ އޮސްކާ އެވޯޑްގެ ގޮތުގައި ދެކޭ ފިލްމު ފެއާ އެވޯޑްގެ މިއީ 60 ވަނަ އަހަރެވެ. މި އަހަރުތެރޭގައި މިހާތަނަށް ތިން އެވޯޑް ހަފްލާއެއް ބޭއްވިފައިވީ ނަމަވެސް ބޮލީވުޑްގެ ހުރިހާ ތަރިން އެ އެވޯޑަކަށް އެންމެ އިންތިޒާރުކުރާ އެވޯޑަކީ މިއީ އެވެ. ނިމިދިޔަ ސްޓާޑަސްޓް އެވޯޑް އަދި ސްޓާ ގިލްޑް އެވޯޑަށް ނޮމިނޭޓް ވީ ފަރާތްތަކާއި ސްކްރީން އެވޯޑްގެ ނޮމިނޭޝަން ލިސްޓާވެސް ބޮޑު ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ހަމަ އެއާ އެއް ފަދައިން މި ތިން އެވޯޑްގެ ވަނަތައް ހާސިލްކުރި ފަރާތްތައްވެސް އެހާމެ ތަފާތެވެ. ފިލްމު ފެއާ އެވޯޑުންވެސް ކުރީގެ އެވޯޑްގެ މިފަހަރުގެ ނޮމިނޭޝަން ލިސްޓުވެސް މިއަހަރުގެ މިބުނެވުނު ނޮމިނޭޝަންތަކާ ވަރަށް ބޮޑުތަން ތަފާތެވެ. 31 ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެވޯޑްގެ މުހިންމު ނޮމިނޭޝަންސްތައް ތިރީގައިމިވަނީއެވެ.

އެވޯޑެއްގެ ހައްގުވެރިންނަކީ ވިޔަފާރި ރަގަޅު ފިލްމުތައް ނޫނީ މަޤްބޫލުތަރިން ނޫންކަން އިންޑިޔާގެ އެވޯޑް އިންތިޒާމު ކުރާ ފަރާތްތަކަށްވެސް މިހާރު އެނގިފައިވާ ކަހަލައެވެ. މީގެ ކުރިން އަމީތާބް ބައްޗަން އަދި ޝާޚް ރުކް ޚާން ފަދަ ތަރިންނަށް ކޮންމެހެން އެވޯޑެއް ދިނުމަށްވެސް ކެޓަގަރީތައް އުފައްދާފައި އެބަހުއްޓެވެ. ޚާއްސަ އެވޯޑެއް މީގެން ތަރިއަކަށް ނުދީ ހަފްލާ ނިންމާނުލާކަން ފާހަގަކުރެވެއެވެ. ހަމަ އެފަދައިން އެންމެ މޮޅު ފިލްމުގެ ލިސްޓަކީވެސް އެންމެ ވިޔަފާރި ރަގަޅު ފިލްމުތައް ހިމެނޭނެ ލިސްޓެކެވެ. އެކަމަކު މިފަހަރު އެކަން ތަފާތެވެ.

އެންމެ މޮޅު ފަސް ފިލްމަށް ބަލާލާއިރު ހައިދަރު އަދި މެރީކޮމް މިއީ ވިޔަފާރީގެ ގޮތުން ބަލާނަމަ ބޮޑުތަރުހީބެއް ލިބުނު ފިލްމުތަކެއް ނޫނެވެ. އެހެން ނަމަވެސް ފެންވަރު ރަގަޅު ހުށަހެޅުންތަކަކާއި އެކު ފެނުނު މޮޅު ފިލްމުތަކެއްގެ ގޮތުގައި ފިލްމީ ފާޑުކިއުންތެރިން ހޮވާފައިވާ 2 ފިލްމެވެ. ދެން މިއޮތީ ކުޑަ ބަޖެޓަކާއި އެކު އުފައްދާ ކާމިޔާބު ފިލްމެއްކަމަށް ކަނޑައެޅިގެންދިޔަ 2 ފިލްމެކެވެ. ޓޫ ސްޓޭޓްސްއަކީ މިއަހަރު އިތުރު ހަފްލާއެއްގައި ވިދާލި ފިލްމެއް ނޫންނަމަވެސް މި އެވޯޑްގައި މިފިލްމުވެސް މިވަނީ އެންމެ މޮޅު 5 ފިލްމުގެ ތެރޭގައި ހިމެނިފައެވެ. ފަހަރުގައި މިއީ ހެޕީ ނިއު އިޔާ އުނި ކުރުމުން ލިބުނު ޖާގައެއް ކަމަށްވުން އެކަށީގެންވެއެވެ.

ދެން މި އޮތީ އަހަރުގެ އެންމެ ގިނަ އެވޯޑް ހާސިލްކުރަމުންދާ ފިލްމު ކުއީންއެވެ. އަދި އެއަށްފަހު މިހާތަނަށް އިންޑިޔާގައި އުފެއްދި އެންމެ ވިޔަފާރި ރަގަޅު ފިލްމު ޕީކޭއެވެ.

މި ކެޓަގަރީގެ ހޮވުންވެސް ވަރަށް ތަފާތެވެ. މި ފަހަކަށް އައިސް މި ކެޓަގަރީގެ ނޮމިނޭޝަން ލިސްޓުން ނުފެންނަ އަކްޝޭ ކުމާރުގެ ނަން ހިމެނިފައިވުމީ ވަރަށްވެސް ތަފާތުކަމެއްކަން ޔަގީނެވެ. އަކްޝޭގެ ފަހަކަށް އައިސް ރިލީސްވި ގިނަ ފިލްމުތަކަކީ ވިޔަފާރީގެ ގޮތުންވެސް އަދި ފާޑުކިއުންތެރިންގެ ފަރާތުންވެސް ފިނި ތަރުހީބެއް ލިބުނު ފިލްމުތަކަކަށް ވީތީއެވެ.

ނަމަވެސް ފިލްމު ހޮލިޑޭއިން އަކްޝޭ މިވަނީ މިއަހަރުގެ މޮޅު އެކްޓަރުންގެ ލިސްޓުން ޖާގަހޯދައިފަ އެވެ. އަކްޝޭ އާއި އެކު ފިލްމު ރަންގު ރަސިޔާއިން ރަންދީޕް ހޫޑާއަށް ވެސް މިވަނީ މިލިސްޓުގެ ގަދަ ފަހަކުން ޖާގަލިބިފައެވެ. މިތަރިންނާއެކު ފިލްމު ބޭންގު ބޭންގުން ރިތިކް ރޯޝަން ނޮމިނޭޓްވެފައިވާއިރު ޕީކޭގެ އޭލިއަން ރޯލުން އާމިރު ޚާން އަދި މި އަހަރުގެ ކޮންމެ ހަފްލާއަކުން ޓްރޮފީ ހާސިލްކުރަމުން އަންނަ ޝާޚިދު ކަޕޫރު ފިލްމު ހައިދަރު އިން ނޮމިނޭޓްވެފައިވެއެވެ.

2013ވަނަ އަހަރު ފާހަގަކުރެވުނީ ދީޕިކާގެ އަހަރެއްގެ ގޮތުގައެވެ. 2014 ވަނަ އަހަރު ފެށިގެން އައީ އަނުޝްކާގެ އަހަރެއް ކަމަށް ނޫސްތަކުގައި ސުރުހީލިޔެވެމުންނެވެ. އެއީ އޭނާގެ "ޕީކޭ" އާއި "ބޮމްބޭ ވެލްވެޓް" ރިލީސްކުރުމަށް އޭރު ހަމަޖެހިފައި އޮތީ 2014 ވަނަ އަހަރު ކަމަށްވީތީއެވެ.

ނަމަވެސް ޕީކޭއިން އާމިރު ޚާން ނޫން އިތުރުކަމެއް މީހަކަށް ފާހަގަ ނުވެ ބޮމްބޭ ވެލްވެޓް ރިލީސް ޑިލޭ ވުމުގެ ސަބަބުން އަނުޝްކާއަށް އެއްވެސް އެވޯޑަކުން މިއަހަރު ޖާގަ ލިބިފައެއްނުވެއެވެ.

މި ލިސްޓުގެ އެންމެ ކުރީގައި މިވަނީ ކަންގަނާއެވެ. މިއީ އޭނާގެ އެވޯޑެއްކަން ގިނަބަޔަކު ވަނީ ޔަގީންވެސް ކޮށްފައެވެ. އޭނާއާ އެންމެ ވާދަކުރާ ތަރިއަކަށް މި ލިސްޓުގައި ހިމެނިފައިވަނީ ޕްރިޔަންކާ ޗޯޕްރާއެވެ. މެރީކޮމްގެ ގޮތުގައި އޭނާ ދައްކުވައިދިން ފުރިހަމަ އެކްޓިންއަށެވެ.

މި ދެތަރިންގެ އިތުރުން ލިސްޓު ފުރިހަމަ ކޮށްފައިވަނީ ދޭޅް އިޝްގިޔާއިން މަދޫރީ ޑިކްސިޓް، މަރްދާނީ އިން ރާނީ މުކަރުޖީ، ހައިވޭއިން އާލިޔާބަޓް އަދި ހޫބްސޫރަތުން ސޯނަމް ކަޕޫރެވެ.