ކޯލިޝަނަކާ ނުލައި އެމްޑީޕީ އިން ވެރިކަމަށް އައުމަށް މަގުފަހި ކުރުމުގެ ގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅާފައިވަން ގަސްތުކުރައްވާ އާންމުކުރައްވާފައިވާ 30 ޕަސެންޓް ވޯޓުން ވެރިކަމަށް އާދެވޭ އިސްލާހަކީ ތާއީދު ނުކުރައްވާ އިސްލާހެއް ނޫން ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ވެރިކަން އަންނަން ޖެހޭނީ 50 ޕަސެންޓް ވޯޓު ލިބިގެނެވެ.
އެހެންކަމުން 30 ޕަސެންޓް ވޯޓު ލިބޭ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"30 ޕަސެންޓް ކާމިޔާބުކޮށްގެން އަންނަ މީހަކު ވެރިކަމަށް އައުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން. އެއަކަށް އަޅުގަނޑު ތާއީދެއް ނޫން. ވެރިކަމަށް އަންނަން ވާނީ ރައްޔިތުންގެ 50 ޕަސެންޓް ލިބޭ މީހަކު. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ 'ފަސްޓް ޕާސް ދަ ޕޯސްޓް' އަށް ރިޔާސީ އިންތިހާބުގައި ބަދަލުވާން ޖެހޭ ކަމަށެވެ. އަދި 30 ޕަސެންޓަށް ވުރެ ދަށްވެއްޖެނަމަ އަލުން އަނބުރާ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އަބަދަށް ދެމި އޮތުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި މި އިސްލާހަކީ އެކަމަށް އޮތް މަގެއް ކަމަށެވެ.
ނަޝީދުގެ މި އިސްލާހަށް ސިޔާސީ ޕާޓީތަކުންވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.