މޯލްޑިވިއަން

މޯލްޑިވިއަން ފްލައިޓެއްގައި ދޫންޏެއްޖެހި ދަތުރު ޑިލޭވެއްޖެ

ހދ. ހަނިމާދޫއިން ފުރައިގެން ދަރަވަންދޫ އަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއްގެ ފިޔަގަނޑުގައި ދޫންޏެއް ޖެހުމުން ފްލައިޓް ޑިލޭ ވެއްޖެ އެވެ. ފްލައިޓް ފިޔަގަނޑުގައި ދޫނި ޖެހުނު ނަމަވެސް އެއްވެސް ކަހަލަ ގެއްލުމެއް ފްލައިޓަށް ލިބިފައެއް ނުވެ އެވެ.

މޯލްޑިވިއަންގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ ހެޑް އަލީ ނަޝާތު ވިދާޅުވީ، ފްލައިޓް ޑިލޭވީ ހަނިމާދޫއިން ދަރަވަންދޫއަށް ފްލައިޓް ދަތުރުކުރަނިކޮށް ފްލައިޓުގެ ފިޔަގަނޑުގައި ދޫންޏެއް ޖެހުމުން ފްލައިޓް ޗެކުކުރުމަށް ވަގުތު ނެގުމުން ކަމަށެވެ. ނަމަވެސް ފްލައިޓް ބެލުމަށްފަހު އެއްވެސް ގެއްލުމެއް ލިބިފައި ނެތްކަމަށް އިންޖިނޭރުން ބުނެފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ.

އެ ފްލައިޓަކީ ހަނިމާދުއާއި ދަރަވަންދުއާ މާލެ އަށް ދަތުރު ޝެޑިއުލްކޮށްފަ އޮތް ފްލައިޓެކެވެ. ދަރަވަންދޫގައި ފްލައިޓް ޖެއްސީ އެހެންވެ އެވެ. ދަރަވަންދޫގައި ފްލައިޓް ޖެއްސުމަށްފަހު ޗެކުކުރުމަށް 20 ވަރަކަށް މިނިޓް ހޭދަވިކަމަށް ނަޝާތު ވިދާޅުވި އެވެ.

"ދަރަވަންދޫގައި ފްލައިޓް ޖެއްސީ ގެއްލުމެއް ވެގެނެއް ނޫން. އެ ފްލައިޓަކީ ދަރަވަންދޫގައިވެސް ޖައްސާފަ މާލެ ދާން އޮތް ފްލައިޓެއް. ފްލައިޓް ޗެކްކޮށްފަ މާލެ ދާ ފަސިންޖަރުން ގޮވައިގެން ފްލައިޓް މިހާރު ވަނީ މާލެ ގޮސްފަ،" ނަޝާތު ވިދާޅުވި އެވެ.