މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިއްކި ރަށްތަކާއި ގުޅުން ހުރި މަނީ ލޯންޑްރިން މައްސަލާގައި މ. ޝޫރާ މަންޒިލް، ހާމިދު އިސްމާއިީ (ހާމިދު ސޭޓް) މައްޗައް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު އާރިފް "އަވަސް" އަށް ވިދާޅުވީ، ހާމިދުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި އެ މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ބަލައިގަތުމާމެދު އަދި އެއްޗެއް އަންގާފައެއް ނުވެއެވެ.
ހާމިދުގެ ފުލުހުން ތަހުގީގުކުރުމަށްފަހު ހާމިދުގެ މައްޗައް ދައުވާކުރަން ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.ހަމަ އެދުވަހު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު މައްޗައް 17 ރަށެއްގެ މައްސަލާގައިވެސް ދައުވާ ކުރަން ފޮނުވާފަ އެވެ. އަދި މިއަދު ވަނީ އަދީބުގެ މައްޗަށް 24 ރަށެއްގެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު މެލޭޝިއާގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ، ރައީސް އަބްދުﷲ ޔާމީންނަށް އިންޒާރުދިން މައްސަލައެއްގައެވެ. ހާމިދު މާލެ ގެނެސް އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ފުލުހުން ހާމިދު ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް ދޫކޮށްލުމަށް ފަހު ހަމަ އެދުވަހު ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީކުރަން ވިއްކި ބައެއް ރަށްރަށުން ލިބުނު ފައިސާ އަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އެ މައްސަލައާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތުގައި އަނެއްކައި ވެސް ހައްޔަރުކޮށްފަ އެވެ.