ވިޔަފާރި

ފެލިވަރަށް ބޮޑު ކުރިއެރުމެއް، އުފެއްދުންތެރިކަން 001 ޓަނަށް ބަދަލު ކުރަނީ

Jan 21, 2015

ފެލިވަރުގެ އުފެއްދުންތެރިކަން މި އަހަރު ނިމެންވާއިރަށް އިތުރުކޮށް، 100 މެޓްރިކް ޓަނުގެ މަސް ބަންދު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ފެލިވަރު އަޕްގްރޭޑިންގެ މަސައްކަތް ތަކެއް ފަށައިގެން ކުރިއަށްދާ ކަމަށާއި މި މަސައްކަތުގެ ތެރެއިން މި އަހަރުގެ ޖުލައި މަސް އަންނަން ވާއިރަށް ފެލިވަރުގައި 50 މެޓްރިކް ޓަނުގެ މަސް އުފައްދަން ފެށޭނެ ކަމަށެވެ. އަދި މި އަހަރުގެ ނިމެން ވާއިރަށް ފެލިވަރަކީ 100 ޓަނުގެ މަސް ބަންދު ކުރާ ކާރުހާނާ އަކަށް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށައިގެން އުޅެނީ ފެލިވަރުގެ އަޕްގްރޭޑިން މަސައްކަތްތަކެއް. އޭރުން ގެއްލިފައި ތިބި ޔޫކޭގެ ބަޔަރުން ވެސް ލިބޭނެ. އެ މަސައްކަތާއިގެން ކުރިއަށް ދެވޭ. އޭރުން ބެންކޮކަށް ދާ މަސްކޮޅު މަދުވީމަ އަޅުގަނޑުމެންގެ ފިނިކުރި ރޯމަހަށް ލިބޭ އަގު ވެސް ބޮޑުވާނެ. އޭރުން މަސައްކަތް ކުރަން ފެށީމަ މަސްވެރިންނާއި ކުންފުންޏަށް ވެސް ފައިދާ ވާނެ،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ފެލިވަރުގައި މިހާރު ބަންދު ކުރެވެނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 12 މެޓްރިކް ޓަނުގެ ދަޅު މަސް ކަމަށެވެ.

"ފެލިވަރުގެ ކޭނަރީއަކީ 50 ޓަނުގެ މަސް ބަންދުކުރެވޭ ގޮތަށް ފައްކާ ކޮށްފައި ހުރި ކޭނަރީއެއް. އެކަމަކު މިހާރު އެތަނުގައި ހަމަޖެހިލައިގެން ބަންދު ކުރެވެނީ 12 ނޫނީ 13 ޓަނުގެ މަސް. އެތަނުގައި ކުރިން ހުރި މަސް ސާފު ކުރުމަށް ބޭނުންކުރާ ސާމާނުވެސް ވަނީ ނެގިފައި،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު އަޕްގްރޭޑްކޮށް ނިމޭއިރު، ފެލިވަރުގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ހުންނާނެ ކަމަށެވެ.

"ސަޕޯޓް ސްޓާފުން ފިޔަވައި ގިނަ ވަޒީފާތަކެއް އުފެދިގެން ދާނެ. ކުރިން ފެލިވަރުގައި 100 ޓަނުގެ މަސް ބަންދުކުރި. އެކަމަކު ކޯލްޑް ސްޓޯރޭޖާއި ކޫލިން ފެސިލިޓީ ނުލިބިގެން ހުއްޓުނީ. އަޅުގަނޑުމެންގެ ޓާގެޓަކީ ތިންވަނަ ފޭސްގައި ފެލިވަރުގެ ކޯލްޑް ސްޓޯރޭޖުގައި އިތުރު 1000 ޓަނު އިތުރުކޮށް، މި ހުރިހާ އެއްޗަކާ އެއްކޮށް ކޮންމެ ދުވަހަކު 100 ޓަނު ބަންދުކޮށްގެން ބޭރު ކުރުން،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ފޭސްތަކަށް ބަހާލައިގެން ކަމަށާއި މި މަޝްރޫއަށް ތިން މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށެވެ.

" ކޮންސަލްޓެންޓެއް ގެނެސްގެން މިއުޅެނީ. ފިޒިކަލް މަސައްކަތްތަކެއް އަދި ނުފެށޭ. ހަފުތާއެއް ދެ ހަފުތާތެރޭ މަސައްކަތް ފެށޭނެ. ފުރަތަމަ ފިޔަވަހީގެ ދަށުން މި ބަލަނީ 1.5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެލިވަރު އަޕްގްރޭޑިން ނިމުމުން ދަޅުމަހާއި ފުޅި އަދި ކޮތަޅުގައި ވެސް ބަންދު ކުރަން ފެށޭނެ ކަމަށެވެ.

"ފެލިވަރުގައި އެބަޖެހޭ އެކި ބާވަތައް އުފައްދަން. ދަޅުގައި މަސް ބަންދުކުރުމުގެ އިތުރުން އެބަޖެހޭ ކޮތަޅުގައިވެސް މަސް ބަންދު ކުރެވެން. އަޅުގަނޑުމެން އުފައްދަން މި އުފައްދަނީ ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުންތަކެއް. މިހާރު މީގެ އެންމެ ހައި ކޮލިޓީ އެއްޗިހި މި ހުންނަނީ ފުޅިފުޅީގައި ބަންދު ކުރެވިފަ. އެ ދިމަ ދިމާލަށްދާން އިތުރު ޕެކޭޖިން ބޭނުންވޭ،" އަދްލީ ވިދާޅުވި އެވެ.