ރިޕޯޓް

ގެވެށި އަނިޔާއަށް މަޑަކުން ނުތިބެވޭނެ! އެއަށް ވުރެ މާ ސީރިއަސް

  • ގެވެށި އަނިޔާ ރިޕޯޓް ކުރަން ބައެއް މީހުން ފަސް ޖެހޭ
  • ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އިންސާފު ހޯދައެއް ނުދެވޭ
  • ގެވެށި އަނިޔާއަށް އިތުރަށް ހޭލަންވެއްޖެ

"ގެވެށި އަނިޔާގެ ޝިކާރަކަށް ވެފައިވާ މީހުންނާއި ޖިންސީ އަނިޔާ ލިބެމުންދާ ފަރާތްތަކާއި ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ މީހުން އެމީހުންގެ ހާލަށް ދޫކޮށްނުލައި ވޭތޯ ބެލުމަކީ ހަމަ ކޮންމެ މީހަކު ކުރަންޖެހޭނެ ކަމެކެވެ. އެފަދަ މީހުންނަކީ ގިނަ ފަހަރަށް، މުޖުތަމައުގެ ލަދަށް ނުވަތަ ދަރިންނަށްޓަކައި، ނުވަތަ ޝަރުއީ މަރުހަލާއިން އިންސާފު ނުލިބިދާނެ ކަމުގެ ބިރުހީވެ، އެ ބިރުގެ ސަބަބުން އަމިއްލަ ނަފުސަށް ކުރާ އިރުބާރު ގެއްލިފައި ތިބޭ އެކަނިވެރި ބައެކެވެ. އެމީހުންގެ ހައްގުގައި އަޑު އުފުލައި، ދެވެން އޮތް ހުރިހާ އެއްބާރުލުން ދިނުމަކީ ސަލާމަތުން ތިބޭ މީހުންގެ މައްޗަށް އޮތް ޒިންމާއެކެވެ. އެމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ،" - އެމެރިކާގެ ރައީސް ބަރަކް އޮބާމާ

ގެވެށި އަނިޔާ އަކީ ދަރަޖައިގެ ގޮތުން ބަލާނަމަ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ. އެއީ ބަންދުވެފައިވާ ދޮރެއްގެ އަނެއް ފަރާތުގައި ހިނގާ ގޮތް ނޭނގޭ ކަމަކަށް ވުމުން އޭގެ ނުރައްކާ އަދި މާ ބޮޑެވެ.

ފިރިމީހާގެ ފަރާތުން ލިބުނު ކަމަށް ބެލެވޭ ޖިންސީ އަނިޔާތަކުގެ ވޭނުގައި މަރާއި ހަނގުރާމަކުރުމަށްފަހު މިދިޔަ ޑިސެމްބަރުމަހު ދުނިޔެ ދޫކުރި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ހަޔާތް މިކަމުގެ ހެއްކަކަށް ފުދެ އެވެ. ލިބިފައިވާ ނުރައްކާތެރި ޖިންސީ އަނިޔާތަކެއްގައި ދުނިޔެ ދޫކުރި އިރުވެސް އެއީ ކިހިނެއް، ކޮން ގޮތަކަށް ލިބުނު އަނިޔާތަކެއްކަން އެނގޭ ބަޔަކު ނެތެވެ. އެންމެ ފަހު ނޭވާ އާއި ހަމަޔަށް ވެސް ޒިޔާދާ ވަނީ އެ އަނިޔާތައް އާއިލާއަށް ވެސް ސިއްރުކޮށްފަ އެވެ.

ރާއްޖޭގެ މުޖުތަމައަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ހުށަހެޅޭ މައްސަލަތައް އިތުރުވުމަކީ އަނިޔާ ކުރާ މިންވަރު އިތުރުވުން ކަމަށް ވެސް ބެލެވިދާނެ އެވެ. އެކަން ޕޮޒިޓިވްކޮށްވެސް ނެގިދާނެ އެވެ. ސަބަބަކީ އަނިޔާ ރިޕޯޓްކުރާ އަދަދު އިތުރުވުމަކީ، ގެވެށިއަނިޔާ ތަހައްމަލުކުރަން އެއްވެސް ހާލެއްގައި ބޭނުންނުވާ މީހުންގެ އަދަދު އިތުރުވުން ކަމަށް ގަބޫލު ކުރެވޭތީ އެވެ. ނޫނީ މުޖުތަމައު މިކަމަށް ދޭ ސަމާލުކަން ބޮޑުވުން ކަމަށް ވެސް ބެލެވޭތީ އެވެ. ކޮންމެ ގޮތަކަށް އެކަން ވިޔަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ގެވެށި އަނިޔާ އަކީ ރާއްޖޭގައި ހިނގަހިނގާ އޮތް ކަމެއް ކަމެެވެ. މައްސަލައަށް ހައްލު ބޭނުންވާ ކަމެވެ. އެކަމަކު މިފަދަ މައްސަލަތައް ހައްލުކުރަން "ބަސް" ނޫން ހަތިޔާރެއް މިހާތަނަށް މާ ބޮޑަށް ފާޅުވެފައެއް ނުވެއެވެ.

ގެވެށި އަނިޔާ އަކީ ކޮބާ؟

ނަސަބުގެ ގޮތުންނާއި އާއިލީ ގޮތުންނާއި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހަކު ކުރާ ކަމެއްގެ ސަބަބުން އަނެކާގެ ހަށިގަނޑަށް، ސިއްހަތަށް ނުވަތަ ދިރިއުޅުމަށް ގެއްލުންލިބޭ ކޮންމެ ކަމެއް، ނުވަތަ ގެއްލުން ލިބިދާނެކަމުގެ ބިރު އޮތް ކޮންމެ ކަމެއް ހިމެނޭނީ ގެވެށި އަނިޔާގެ ތެރޭގައެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމާއި، ޖިސްމާނީ އަނިޔާ ކުރުމާއި، ފާރަލުމާއި މާލީ ގޮތުން ދަތިކުރުމާއި، ބަހުގެ ފުރައްސާރަ ކުރުމާއި އަނބިމީހާގެ ނުރުހުމުގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި އެކަމަށް މަސައްކަތްކުރުން ހިމެނެ އެވެ.

ގެވެށި އަނިޔާ ކުރަނީ ކީއްވެ؟

ގެވެށި އަނިޔާ ކުރާ ފަރާތްތައް އެކަން ކުރާ ސަބަބުތައް ގިނަ އެވެ. ކޮންމެ އަހަރަކު އެތައް މިލިއަން މައްސަލައެއް ގެވެށި އަނިޔާގެ ގޮތުގައި ދުނިޔެއިން ރިޕޯޓުކުރާއިރު އެ އަނިޔާތަކުގެ 96 ޕަސެންޓަކީ ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް މި ލިސްޓުގައި އަންހެނުން ނުހިމެނުމަކީ އިންސާފުވެރިގޮތެއް ނޫނެވެ.

އަނިޔާކުރާ މީހުން އެކަން ކުރަނީ، ކުރާ އަނިޔާ އަކީ އަބަދު ވަންހަނާވެފައި އޮންނާނެ ކަމެއް ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެދާނެ އެވެ. މިކަން ދިރާސާކުރާ ބައެއް ފަރާތްތަކުގެ ނަޒަރުގައި، އާންމުކޮށް އެފަދަ އަނިޔާ ކުރާ މީހުންނަކީ އަނިޔާ ލިބޭ މީހާގެ ބަލިކަށިކަން ހޯދައި އެކަމަކަށް ބްލޭމް ކުރާ މީހުންނެވެ. އޭގެ ސަބަބުން އަނިޔާ ލިބޭ ފަރާތް ނަފްސާނީ ގޮތުން ބަލިކަށިވެ، އަނިޔާ ކުރާ ފަރާތަށް އިތުރު ހިތްވަރެއް ލިބެ އެވެ. ކުރީގެ މާޒީއެއްގައި ސިކުނޑިއަށް ކޮށްފައިވާ ނުބައި އަސަރެއްގެ ސަބަބުންވެސް ބައެއް މީހުން އަނިޔާ ކުރެއެވެ.

މީގެ އިތުރަށް ޝަރުއީ މަރުހަލާގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ނުލިބުމަކީވެސް މިކަމަށް ފަހިވާ މަގެކެވެ.

އަނިޔާ ކުރުން އިތުރުވަނީ ކީއްވެ؟

އާންމު ހޭލުންތެރިކަން ކުޑަވުމަކީ ގެވެށި އަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވާން ދިމާވާ ސަބަބެއް ކަމަށް ކަމާބެހޭ މުއައްސަސާތަކުން އެއްބަސްވެ އެވެ. ނަމަވެސް އެގޮތަށް މުޅިއަކުން އެއްބަސްވެވޭކަށް ވެސް ނެތެވެ.

ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަ އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ދިވެހިންގެ ތެރޭ މިކަމާ ގުޅިގެން އޮތް ވިސްނުމަށް އަދިވެސް ބަދަލު ނާންނާތީ ކަމަށް ޖެންޑާ މިނިސްޓްރީން ދެކެއެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގައި އޮތީ، އެމީހަކަށް ލިބޭ އަނިޔާ ހުއްޓުވަން އެމީހެއްގެ އަތްމައްޗަށް ދޫކޮށްލުމުގެ ސަގާފަތެކެވެ. އެކަކަށް ދިމާވާ މައްސަލައެއްގެ ތެރެއަށް ވަދެ އެމީހާއަށް ރައްކާތެރިކަން ދިނުމުގެ އާދަ ދިވެހިންގެ ތެރޭގައި ހަރުލާފައި އޮތުން ކުޑަ އެވެ. އެގޮތަށް އެކަން ދޫކޮށްލެވިފައި އޮތުމަކީ އަނިޔާ ކުރާ ފަރާތްތަށް ތަކުރާރުކޮށް ކުށް ކުރުމަށް ދެވޭ ފުރުސަތެކެވެ.

މިކަމުގައި ފެމިލީ ޕްރޮޓެކްޝަން (އެފްޕީއޭ)ގެ ހިޔާލު ތަފާތެވެ. އެފްޕީއޭއިން ބުނީ ގެވެށި އަނިޔާގެ ދިގު މާޒީއެއް ރާއްޖޭގައި އޮތް ނަމަވެސް، އެކަން ކުރާ ފަރާތްތަކާ މެދު ދިވެހިންގެ ވިސްނުން މިހާރު ވަނީ ބަދަލުވާން ފަށާފަ އެވެ. މިހާރު ފެންނަނީ ގެވެށި އަނިޔާގެ އަމަލު ރިޕޯޓްކުރެވޭ މިންވަރު އިތުރުވާތަނެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް ދިމާވާ ދަތިތަކަކީ ކޮބާ؟

ޖެންޑަ މިނިސްޓްރީން ދެކޭ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުވުމަށް އެންމެ އެކަށޭނަ ގޮތެއްގައި މަސައްކަތް ކުރަން ފަންނީ ދަތިތަކެއް އެބަހުއްޓެވެ. ހަމަ އެއާއެކު ގާނޫނީ ގޮތުން ދިމާވާ ދަތިތަކެއްވެސް އެބަހުއްޓެވެ. ގާނޫނީ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު، ގައި އަނިޔާކުރާފަރާތަށް ލިބެންޖެހޭ އަދަބު ކަނޑައެޅިފައި ނެތުމަކީ އަނިޔާ ލިބޭ ފަރާތަށް އިންސާފު ހޯދައިދިނުމަށް ދިމާވާ ދައްޗެއް ކަމަށް އެ މިނިސްޓްރީން ދެކެ އެވެ.

އަދި އަނިޔާ ކުރާ ފަރާތްތައް އެނބުރި މުޖުތަމައަށް ގެނައުމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެމަސައްކަތް ކުރެވޭނެ ގޮތްތައް ރާއްޖޭގައި ފަހިވެފައި ނެތުމަކީވެސް އެކަމަށް އޮތް ހުރަހެއް ކަމަށް އެ މިނިސްޓްރީން ދެކެ އެވެ. މީގެ އިތުރުން އަނިޔާ ލިބޭފަރާތަށް ލިބެންޖެހޭ އެހީތެރިކަން ދޭނެ ފަރާތެއް ގާނޫނުގައި ކަނޑައަޅާފައި އޮތުމަކީ މުހިއްމު ކަމަކަށް ވިޔަސް އެކަން އެގޮތަށް ބަޔާން ކޮށްފައި ނެތުން ވެސް ފާހަގަ ކުރެ އެވެ.

މި މައްސަލާގައި ފެމިލީ ޕްރޮޓެކްޝަންގެ ހިޔާލު ވެސް އެއްގޮތެވެ. ގެވެށިއަނިޔާ ލިބޭ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އަޅާލުން ދިނުމަށް ގާނޫނުން ބާރު އެޅި ނަމަވެސް، ރާއްޖޭގައި އެކަން ކުރެވޭނެ މަގު ފަހިވެފައި ނެތްކަން އެފްޕީއޭ އިންވެސް ގަބޫލުކުރެ އެވެ.

ގާނޫނީ ވަކީލް އަދި ކުރިން ޖެންޑަ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ ހުއްޓުވުމަށް ރާއްޖޭގައި ގާނޫނުތައް ހެދިފައިވަނީ ފުރިހަމައަށް ނޫންކަމަށް ދެންނެވޭކަށް ނެތެވެ.

"އާންމުކޮށް ރާއްޖޭގައި މިފަދަ ހާލަތު މެދުވެރި ވަނީ އަންހެނުންނަށް. ގިނަ މީހުންނަކީ އަނިޔާ ރިޕޯޓް ކުރަން ބޭނުން ނުވާ މީހުން. ސަބަބަކީ އެކަން ރިޕޯޓްކުރުމުން މުޖުތަމައު އެކަމުގައި އެމީހަކާ މެދު ދެކޭނެ ގޮތް ނޭނގޭތީ. ނޫނީ އިންސާފު ލިބިދާނެ ކަމުގެ ޔަގީންކަމާ ދޭތެރޭ ޝައްކު އޮންނާތީ. އިންސާފު ނުލިބިއްޖެ ނަމަ އިތުރު އަނިޔާ ލިބިދާނެ ކަމުގެ ބިރަކީވެސް އެއް މައްސަލަ. މިފަދަ ކަންކަމާ ހެދި އެކަމުގެ ތެރޭގައި އެމީހަކު އެބަ އުޅެންޖެހޭ ވަރަށް ގިނަ ދުވަހަށް،" އާޒިމާ ވިދާޅުވި އެވެ.

ގޮންޖެހުންތަކާ އެކުވެސް ހައްލު ހޯދޭނެ

އެއްވެސް ތަނެއްގައި ހުރިހާކަމެއް ފުރިހަމަވެފައި އޮތުމަކީ ނާދިރުކަމެކެވެ. ނަމަވެސް ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ވަކި ކަމެއް ގޯސްކޮށް އޮތުމުން އެހެން ހުރިހާކަމަކުން އަތްދޫކޮށްލައިގެން ތިބެވޭކަށް ނެތެވެ. އެހެންކަމުން މުޖުތަމައުގައި ހުންނަ މިފަދަ އިޖުތިމާއީ މައްސަލަ ހައްލުކުރުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަންޖެހެއެވެ. ސަރުކާރެއް، އާންމު ފަރުދެއް، ކުޑަކުއްޖެއް މިކަމުގައި އިސްތިސްނާ ކުރެވޭކަށް ޖާގައެއް ނެތެވެ.

"ގާނޫނުތައް ހެދިދާނެ، ނަމަވެސް އަނިޔާ ލިބޭ ފަރާތްތައް ބަލައިނުގަންނަ ކަމުގައިވާނަމަ، ގާނޫން ތަކުން އެފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ލިބުނަސް ނަފްސާނީ އެތަކެއް އަނިޔާއެއްގެ ޝިކާރައަކަށް އެމީހުން ވެގެންދާނީ. އެހެންކަމުން ގާނޫނުތަކާއި އެކީ ފަރުދީ ލެވެލްގަ އާއި މުއައްސަސާތަކުގެ ލެވެލްގައި އެފަރާތައް ބަލައިގަތުމަކީ ވަރަށް މުހިންމު ކަމެއް،" ޖެންޑަ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ގެވެށި އަނިޔާއަކީ ނުރައްކާތެރި، އެހާމެ ނާޒުކު އިޖްތިމާއީ މައްސަލައެކެވެ. މިފަދަ ނުރައްކާތެރި އާދަތައް ވެށީގައި އިތުރުވާން ފަށައިފިނަމަ ޒިޔާދާ ފަދަ މައުސޫމް އެތައް ބަޔަކު ވޭނުގައި ނިމިގެންދާތަން ފެނުން އާންމުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.