ރިޕޯޓް

ޒިޔާދާއަށް އިންސާފު ނުލިބުން: ސަބަބު ހުރި!

ގދ. ތިނަދޫއަށް އުފަން ޒިޔާދާ ނައީމްގެ ހިތްދަތި މަރަކީ މުޅި ރާއްޖެއަށް އޭގެ ސިހުން ގެނުވި މަރެކެވެ. އަންހެނުންނަށް ކުރާ ޖިންސީ އަނިޔާގެ ވާހަކަތައް ބޭރަށް ނުކުމެ އުތުރި އަރައިގެން ދިޔަ މަރެކެވެ. އޭގެ ފަހަށް އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ޒިޔާދަށް އިންސާފު ލިބޭނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވި އެވެ. އެންމެންގެ ހިތަށް ތަދުވީ ޒިޔާދާ ނައީމްގެ މަރާ ގުޅިގެން އުފުލި ދައުވާތައް ސާބިތުނުވި ކަމުގެ ހަބަރާއެކު އެވެ.

ޒިޔާދާ މަރާ ގުޅިގެން ދައުވާ ކުރީ އޭނާގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށެވެ. އޯގާތެރި އަނތްބެއްގެ ގޮތުން އެކުވެރިން ސިފަކުރާ ޒިޔާދާއަށް އެކި ފަހަރު މަތިން ޖިންސީ އަނިޔާތައް ލިބިފައިވާ ކަމަށް އެކި މެޑިކޯ ލީގަލް ރިޕޯޓްތައް ދައްކަ އެވެ. އެހެންވެ ޝާހްގެ މައްޗަށް އުފުލީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ.

އެ ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހަބަރު އެންމެ ފުރަތަމަ އެ ދުވަހު އަވަސްއިން ގެނެސްދިނުމާއެކު، އެކަމާމެދު ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވި އެވެ. އެންމެންނަށް ވެސް މައްސަލައަކަށްވީ ކޯޓެވެ. ރާއްޖޭގެ ޝަރުއީ ނިޒާމެވެ. މި ޝަރުއީ ނިޒާމުން އިންސާފު ލިބޭނެ ކަމުގެ އުއްމީދު ބޭއްވުމަކީ ކުށް ހީއެއް ކަމަށް އެއް އަޑަކުން ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ.

ގިނަ ބަޔަކު ދެކުނު ގޮތުގައި ޒިޔާދާގެ އަމިއްލަ ބަހުންނާއި ފޮރެންސިކް ރިޕޯޓްތަކުން އޭނާއަށް ޖިންސީ އަނިޔާ ކޮށްފައި ވާކަން އިތުރަށް ސާބިތުކުރަން ނުޖެހޭހާ ސާފެވެ. އެވަރަށް ހެކި ހުރިއިރު ދައުވާ ސާބިތު ނުވާންވީ ސަބަބެއް އެއްވެސް މީހަކަށް ނުވިސްނެ އެވެ.

އެތައް ބަޔަކު ސަމާލުކަން ދިން މައްސަލައިގެ އެންމެ ބޮޑު މައްސަލައަކީ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިޔުމެވެ. އެފަދަ މައްސަލަތައް އާންމުކޮށް ކުރިމިނަލް ކޯޓުން ސިއްރު ކުރެ އެވެ. އެކަމަކު، ކޯޓުތަކުގެ ނިންމުންތައް އާންމު ކުރަން މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރެ އެވެ. ހުކުމް އިއްވާ އަޑުއެހުން ހުޅުވާލަން ވެސް ބާރު އަޅަ އެވެ.

މިހާތަނަށް ވެސް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް ހާމައެއް ނުކުރެ އެވެ. ހުކުމަށް ވާސިލްވި ސަބަބު އެނގޭ މީހަކު ދައުލަތް ނޫނީ އަދި ނެތެވެ. އެކަމުގައި މައްސަލައަކީ ފުލުހުންގެ ތަހުގީގު ކަމެއް، ހެކި ނެތުން ކަމެއް، ނޫނީ އެހެން ސަބަބެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ޒިޔާދާގެ ކޭސް ފަދަ މައްސަލަތައް ސާބިތު ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެ އެވެ. އެގޮތުން އަނިޔާގެ ރިޕޯޓްގައި އެމީހަކަށް ލިބުނު އަނިޔާތައް ކިތަންމެ ތަފްސީލްކޮށް ބަޔާން ކޮށްފައި ހުރި ނަމަވެސް އެއީ ކާކު ދިން އަނިޔާއެއް ކަމެއް ނޭނގެ އެވެ. އަދި، ހާއްސަކޮށް ފިރިމީހާގެ ފަރާތުން ލިބޭ އަނިޔާތައް ކޯޓަށް ސާބިތު ކުރުމުގައި އުނދަގޫކަން އޭނާ ފާހަގަކުރި އެވެ. އެއީ ގިނަ ފަހަރަށް އެފަދަ މައްސަލަތައް ރިޕޯޓް ކުރަނީ އަނިޔާ ލިބޭތާ ގިނަ ދުވަސްތަކެއް ފަހުން ކަމަށްވާތީ ފޮރެންސިކް ރިޕޯޓް ވެސް ފުރިހަމައެއް ނުކުރެވެ އެވެ.

"ޒަހަމްތައް ފަސޭހަވުމުން ނޫނީ ދުވަސްތަކެއް ފަހުން މި ވާހަކަ ދައްކަނީ، އެހެންވެ މިފަދަ ގިނަ މައްސަލަތަކުގައި ޑައިރެކްޓް ހެކި ހޯދަން އުނދަގޫ ވަނީ، ރޭޕް ކޭސްތަކުގައި ވެސް މިކަން ވަރަށް އާންމު، އެހެންވެ އެންމެ ބޮޑަށް އެވެއާ ކުރަންވީ ކަމަކީ އަވަހަށް ރިޕޯޓް ކުރުން، މިފަދަ މައްސަލަތަކުގައި ސީންއަކީ ހަށިގަނޑު،" އެ ވަކީލް ފާހަގަކުރެއްވި އެވެ.

އެކަމަކު، ޒިޔާދާގެ މައްސަލާގައި ފުލުހުން ހަދާފައިވާ ފޮރެންސިކް ރިޕޯޓަށް ބަލާއިރު ރޭޕް ކުރުމުގެ ދައުވާ ސާބިތު ކުރެވެން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެއީ ދެމަފިރިންގެ ދެމެދު ހިނގި ކަމަކަށްވާއިރު އެކަމަކު ހަމައެކަނި ލިބޭނެ ހެއްކަކީ އެފަދަ ރިޕޯޓްތައް ކަމާއި އެ ހެކިތަކުން އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް އޭނާ ދެކެ ވަޑައިގަންނަވަ އެވެ. އެ ރިޕޯޓްތަކުގައި ޒިޔާދާއަށް ލިބިފައިވާ އަނިޔާތައް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި ހުއްޓެވެ.

ނަމަވެސް ޒިޔާދާގެ މަރާ ގުޅޭ ދައުވާތައް ސާބިތުކުރަން އުނދަގޫވާނެ އެވެ. ޖަޒުބާތީ އުދާސްތަކަށް ނުބަލައި ގާޒީއަށް ބެލެން އޮންނާނީ ހަމައެކަނި ހެއްކަށެވެ. ޒިޔާދާގެ ފޮރެންސިކް ރިޕޯޓްގައި އެ އަނިޔާތަކަކީ ޝާހުގެ ފަރާތުން ލިބުނު އަނިޔާ ކަމެއް ނެތެވެ. އަދި ޑޮކްޓަރުގެ ރިޕޯޓްތަކުގައި ވެސް ޒިޔާދާގެ މަރުގެ ސީދާ ސަބަބު ނެތް ކަމަށްވެ އެވެ. ޖިންސީ އަނިޔާތަކުގެ އިތުރުން އެހެން ސިއްހީ މައްސަލަތައް ވެސް ޒިޔާދާގެ ހުރި ކަމަށް ރިޕޯޓްގައިވެ އެވެ.

ފިރިމީހާގެ އަނިޔާއިން ޒިޔާދާ މަރުވި ކަމަށް އާންމު ނަޒަރަކުން ބަލާއިރު ޔަގީނާ ގާތްވިޔަސް ޝަރީއަތަށް އެކަން ސާބިތު ކުރެވޭނެ ގޮތެއް ނޯންނާނެކަން ވަކީލުން ވެސް ފާހަގަ ކުރައްވަ އެވެ.

ނަން ހާމަ ނުކުރުމަށް އެދިވަޑައިގެން ގާޒީއަކު ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު ހަރުދަނާ ނިޒާމްތަކެއް އަވަހަށް އެކުލަވާލަން ޖެހެ އެވެ. ހާއްސަކޮށް ފޮރެންސިކް ޕެތޮލޮޖީ ނުވަތަ މަރުވާ ސަބަބު ދެނެގަތުމަށް ހަދާ ތަހުލީލުތައް ވަރުގަދަ ކުރަންޖެހެ އެވެ. މިހާރު ވެސް އެފަދަ މަރުތަކާ އެންމެ ފުރިހަމަ ޕޯސްޓްމޯޓަމް ރިޕޯޓްތައް އެކުލަވާލެވިފައި ނުހުންނަކަން އެ ގާޒީ ފާހަގަކުރެއްވި އެވެ.

އަނިޔާ ލިބިގެން މީހަކު ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރުން އަމަލު ކުރާނެ ޕްރޮޓޮކޯލްތަކެއް އެކުލަވާލަންޖެހޭކަން ވެސް އެ ގާޒީ ފާހަގަކުރެއްވި އެވެ.

މިސާލެއްގެ ގޮތުން ޒިޔާދާއަށް އެކި އާލަތްތައް ބޭނުންކޮށް އަނިޔާތައް ދީފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެ އަނިޔާތަކާ ގުޅިގެން އޭނާގެ ރަށު ހޮސްޕިޓަލަށް ދައްކާފައި ވެސް ވެއެވެ. އެކަމަކު، އޭރު އަނިޔާތަކާ ގުޅޭ ފުރިހަމަ ރިޕޯޓްތަކެއް ހެދިފައެއް ނެތެވެ. އޭގެ ރިޕޯޓެއް ވެސް ނެތެވެ. ޒިޔާދާގެ މަރުގެ މައްސަލަ ޝަރީއަތުގައި އެހާ ދެރަވީ ވެސް އެހެންވެ އެވެ.

ނިޒާމްގައި އޮތް އެހެން މައްސަލައެއް ވެސް އެ ގާޒީ ފާހަގަކުރެއްވި އެވެ. މިހާރު ވެސް ގާނޫނު އޮތް ގޮތުން އަނިޔާ ލިބޭ މީހާގެ ފޮރެންސިކް ޓެސްޓްތައް ވެސް ހެދެނީ އެމީހަކު އަމިއްލައަށް ހޮސްޕިޓަލަށް ދާން ބޭނުންވެއްޖެނަމަ އެވެ. ފުލުހަށް ތަހުގީގަށް ކިތަންމެ ބޭނުން ވިޔަސް އެމީހަކު ބޭނުން ނޫންނަމަ، ރިޕޯޓް ހެދޭ ގޮތެއް ނުވެ އެވެ.

"އަޅުގަނޑާ ދިމާވި ހާދިސާއެއް، ދަރިފުޅު ދިޔައީ ފުލުހަށް މަންމައަށް ބައްޕަ އަނިޔާ ކުރާތީ، ތަހުގީގަށް މަންމަ އާއި ބައްޕަ ވެސް ފުލުހަށް ހާޒިރުކުރި، ބައްޕަ ބުނީ އަނިޔާ ނުކުރަމޭ، މަންމަ ވެސް ބުނަނީ ފިރިމީހާ އަނިޔާ ނުކުރާ ކަމަށް، އެކަމަކު ދަރިފުޅު ހުރީ އެކަމުގައި ވަރަށް ބޮޑަށް އުދާސްވެފަ، އެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނެތް، ފުލުހަށް ކުރެވޭނެ ކަމެއް ނެތް،" ކުރިން ވާހަކަ ދެއްކި ވަކީލް ވިދާޅުވި އެވެ.

މީގެ ސަބަބުން ވެސް ގިނަ މައްސަލަތަކެއްގައި އަންހެނުންނަށާއި އެކަމަށް ވަކާލާތު ކުރާ މީހުން ބޭނުންވާ އިންސާފު ނުލިބިދާކަން ގާޒީ ވިދާޅުވި އެވެ. އެ އަންހެންމީހާ ފަހުން އެ މައްސަލަ ހުށަހަަޅަން ބޭނުންވާއިރު އެކަމުގެ އެންމެ މުހިންމު ވަގުތު އޮންނަނީ ގެއްލިފަ ކަމާއި ވަރުގަދަ ހެކި އޭރަށް ނުލިބޭކަން ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެންމެ މުހިންމު ކަމަކީ އަނިޔާ ތަހައްމަލުނުކޮށް އެކަމާ ދެކޮޅަށް ވީއެންމެ އަވަހަކަށް ނުކުތުންކަން ގާޒީ ވެސް ވިދާޅުވި އެވެ. ކޯޓުތަކަށް ވެސް އިންސާފު ހޯދައިދެވޭނީ އޭރަށް ކަމަށެވެ.

އިތުރު ޒިޔާދާއެއްގެ ވާހަކަ އަޑުއަހަން ބޭނުން ނޫންނަމަ ނިޒާމްގެ ތެރޭގައި ހުރި ކަންކަން އިސްލާހު ކުރަން ޖެހެ އެވެ. ހަމައެހެން، އަނިޔާއާ ދެކޮޅަށް ތެދުވާން ބުނެދޭން ވެސް ޖެހެ އެވެ. ޒިޔާދާއަށް ދެން ވެސް ނިޒާމްގެ ތެރެއިން އިންސާފު ލިބުމަކީ އުއްމީދެވެ. އެ މައްސަލާގެ ހުކުމް އައި ގޮތުން މިހާތަނަށް ޕްރޮސިކިއުޓާ ޖެނަރަލް ވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ގިނަ ބަޔަކު އުއްމީދު ކުރަނީ ހައިކޯޓަށް ގޮސްގެން ވެސް އަދިވެސް ޒިޔާދާއަށް އިންސާފު ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށެވެ.