މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކޮންޓެއިނާގައި ހުރީ 15 ކިލޯގެ ޑްރަގް

ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހި ކަސްޓަމްސް ހިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 15.5 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާކުރި ކޮންޓެއިނާއެއްގައި މަސްތުވާތަކެެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކޮންޓެއިނާ ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ ހިދުމަތާއި ދިވެހި ކަސްޓަމްސް ހިދުމަތުން ބުނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އޮޕަރޭޝަންގެ މައުލޫމާތު ހާމަކޮށް ކަސްޓަމުން ދެންމެ ބުނީ މި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގެންފައިވާ ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.

ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އެތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ މެއި 29 ވަަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ މުދާ ޝިޕްމަންޓަކުން ފެނުނު ތަކެއްޗެވެ.