ޖަނަވާރުންގެ ފަރާތުން ބައެއް ފަހަރަށް ވަރަށް އަނިޔާވެރި ވަރުގަދަ ހަމަލަތައް އިންސާނުންނާ ކުރިމަތިވެ އެވެ. އިންޑިޔާގެ އޮޑީޝާގެ އަންހެނަކަށް މިފަދަ އަނިޔާވެރި ހަމަލައަކާ ކުރިމަތިވީ ވަރަށް ބޮޑު އެތެއްގެ ފަރާތުންނެވެ. މަޔޫރްބަންޖް ޑިސްޓްރިކްޓްގައި މީގެ ދެ ދުވަހެއް ކުރިން ހިނގި މި ހާދިސާގައި އެތެއް ވަނީ އަންހެނަކަށް ހަމަލަދީ މަރާލައި އަދި އެވަރުން ނުވެގެން އޭނާގެ ޖަނާޒާ ބާއްވާފައި އޮތް ތަނަށް ގޮސް އެ އަންހެންމީހާގެ ގަބުރަށް ވެސް ހަމަލަ ދީފަ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައިވާ މި ޚަބަރުގައިވާ ގޮތުން މާޔާ މުރްމޫ ނަމަކަށް ކިޔާ މި އަންހެންމީހާއަކީ ރާއިޕަލް އަވަށުގައި ދިރިއުޅޭ މީހެކެވެ. އޭނާ އެ ދުވަހު ދިޔައީ ފެން ހޮޅިއެއް ކައިރިއަށް ފެން ބަލަ އެވެ. އޭނާ ފެން އަޅަން އޮއްވާ ކުއްލިއަކަށް އެތެއް އައިސް އެސޮރުގެ ހޮނޑުން ހަމަލަ ދިނީ އެވެ. މި އެތަކީ އެ އަވަށާ ކައިރީ އޮންނަ ޑަލްމާ ވައިލްޑްލައިފް ސެންޗުއަރީގައި އޮންނަ އެތެކެވެ. އެ ސޮރު ދޫވެގެން މަގުމައްޗަށް ނުކުތީ ކިހިނެއް ކަމެއް ނޭނގެ އެވެ.
އެތުގެ ހަމަލައިގައި ލިބުނު އަނިޔާތަކުން އަންހެންމީހާ ހަމަ އެ ދުވަހު މަރުވީ ކަމަށް ފުލުހުންގެ އޮފިޝަލަކު ބުނެފައި ވެއެވެ. ނަމަވެސް އަންހެންމީހާ މަރުވުމަކުން އަދި އެހިސާބުން މި ވާހަކައެއް ނުނިމުނެވެ.
އަންހެންމީހާގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އެތް އަނެއްކާވެސް އެތަނަށް ގޮސް އަންހެންމީހާގެ ގަބުރަށް ވެސް އޭގެ ހޮނޑުން ހަމަލަދީ ގަބުރަށް ވެސް ވަނީ ގެއްލުން ދީފަ އެވެ.
މިކަމާ ހެދި އަންހެންމީހާގެ އާއިލާ ވަނީ ބިރުން ގޮސް ފިތްކަނޑައިގެން ދާވަރު ވެފަ އެވެ. އަންހެންމީހާގެ ގަބުރަށް ހަމަލަ ދިނުމަށްފަހު އެއް ވަނީ އެ ހިސާބުގައިވާ އެކި ތަންތަނަށް ހަމަލަދީ ހަލާކުކޮށްފަ އެވެ. އަދި މީހުންނަށް ވެސް މި ސޮރުގެ ހަމަލަ އަމާޒުވި އެވެ. އެއް އަންހެނަކަށް ހަމަލަ ދޭން އުޅުމުން އޭނާ ބިރުން ދިގު ގަހެއްގެ ކުރިޔަށް އެރިކަމަށާއި އެ އަންހެންމީހާގެ ސަލާމަތްވީ އެހެންވެ ކަމަށް ވެސް މި ޚަބަރުގައި ވެއެވެ.
ވަލުތެރޭގައި އުޅޭ އެތްތައް ނުކުމެ އަވަށްތަކައި އަރައި އަވަށުގެ މީހުންނަށް ބިރުވެރިކަން ކުރިމަތި ކުރުމަކީ އިންޑިއާގެ ބައެއް ރަށްތަކުގައި ވަރަށް ގިނައިން ދިމާވާ ކަމެކެވެ.