ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހަމަތެއްގައި އެއްވެސް ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަަތުން މިރޭ ބުނެފި އެވެ.
އެ ހިދުމަތުން މިހެން ބުނެފައިވަނީ ޝަމީމްއާ ގުޅޭގޮތުން ބަޔަކު ވާހަކަތަކެއް ފަތުރަމުންދާތާ ދެ ތީން ދުވަސް ފަހުންނެވެ. ކުޑަކުއްޖަކަށް ޝަމީމް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށް އެކަން ފުލުހުން ބަލަމުންދާ ކަމަށް ބުނެ ބަޔަކު އެ ވާހަކަތައް ފަތުރާތާ ދެތީން ދުވަސް ވެއްޖެ އެވެ.
އެކަމާއި ގުޅޭގޮތުން މިދިޔަ ދެތީން ދުވަހު އެކި ފަހަރު މަތީން ނޫސްވެރީން ވަނީ ފުލުހުންނާއި އެ ސުވާލުކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ އެ މައުލޫމާތު ސާފު ކުރުމަށް ފަހު ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މެދުވެރިކޮށް މީޑިއާތަކަށް ފޮނުއްވި އެސްއެމްއެސްގައި ބުނެފައިވަނީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހަމަތެއްގައި އެއްވެސް ތަހުގީގެއް ހިންގަމުން ނުދާ ކަމަށެވެ.
"ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، އަލްއުސްތާޛް ހުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް މިސާވިސްއިން ހިންގަމުން ނުދާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ފުލުހުންގެ މެސެޖްގައި ވެއެވެ.
ޝަމީމްއާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ފެންމަތި ކޮށްފައި ވަނީ އޭނާ މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ. މި މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
ނަމަވެސް ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިކުންނަވާފައެވެ. އެމަނިކުފާނު ވަނީ މި މައްސަލާގައި އެމްޑީޕީން ނެރޭ ތްރީލައިން ވިޕް ބްރޭކް ކުރައްވާނެ ކަމަށް ނުސީދާކޮށް ވިދާޅުވެފައެވެ. އަދި އެ ކަމަށް ތާއީދު ކުރައްވާ މެންބަރުން ކޮބައިތޯ ސާފުކުރައްވާފައިވެއެވެ. ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދޭ ކަަމަށެވެ.
"އާންމު މެންބަރުންނަށް ސާފުވާނެ އަޅުގަނޑުމެން އެގޮތަށް [ތްރީލައިން ވިޕާ ދެކޮޅަށް] ވޯޓްލާ ސަބަބު. އަޅުގަނޑު އުންމީދު ކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީ ވަކި ނުކުރާނެ ކަމަށް،" މި މަހުގެ 13 ވަނަ ދުވަހު ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވިއެވެ.
ނަޝީދުގެ އެ މެސެޖާއި ގުޅިގެން އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފައެވެ. އެންމެ ފުރަތަމަ އެ ނޯޓް ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީީދެވެ. ދެން ހިމެނިވަޑައިގަންނަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެވެ.
މީގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އާއި ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރުގެ އިތުރުން މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާންވެސް ވަނީ ނަން ނޯޓް ކުރައްވާފައެވެ.