އެމްޓީސީސީ

އެމްޓީސީސީން ރާއްޖެއަށް ސްކޮޓް ބާޑާ ރެސިން އާއި ފައިބަރު ތައާރަފުކޮށްފި

އެމްޓީސީސީއިން ރާއްޖެއަށް ސްކޮޓް ބާދާ ބްރޭންޑްގެ ރެސިން އާއި ފައިބަރު ތައާރަފުކޮށްފިއެވެ. ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮޑަކްސްޓްސްތައް ތައާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ސްކޮޓް ބާޑާ ކުންފުނީގެ އުފެއްދުންތަކަކީ ދުނިޔޭގައި އޮޑިދޯނިފަހަރު އުފެއްދުމުގެ މާކެޓްގައި 1921 ވަނަ އަހަރުން ފެށިގެން މަޝްހޫރުކަން ހޯދަމުން އަންނަ އިނގިރޭސިވިލާތުގެ އުފެއްދުންތަކެކެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރުމަކީ އެމްޓީސީސީއަށް ލިބޭ ފަހުރެއް ކަމަށާއި މިއީ އެމްޓީސީސީއަށް ތާރީހީ ދުވަހެއް ކަމަށެވެ. އަދި ސްކޮޓް ބާޑާ ބްރޭންޑް ރާއްޖޭގައި ނަން ހިނގާ ބްރޭންޑަކަށް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، ސްކޮޓް ބާޑާގެ އުފެއްދުންތަައް ރާއްޖެއިން ގަންނަން ލިބުމުގެ ސަބަބުން އޮޑި ދޯނި ފަހަރު ބަންނަ ފަރާތްތަކަށް ފެންވަރު ރަނގަޅު ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ އުޅަނދުތަކެއް އުފެއްދޭނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އޮޑިދޯނި ފަހަރުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބެންދާނެ ކަމަށެވެ.

ސްކޮޓް ބާޑާ ކުންފުނީގެ މިޑިލް އީސްޓް އަދި އެފްރިކާ ސަރަހައްދުގެ ސީއީއޯ ޖޯން ކެމްޕް ވިދާޅުވީ، އެމްޓީސީސީއާއެކު މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށާއި އެމްޓީސީސީއިން އެ ކުންފުންޏާއެކު މަސައްކަތް ކުރުމަށް ހުށަހެޅީ މިދިޔަ އަހަރު ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމްޓީސީސީއިން ހުށަހެޅި ހުށަހެޅުމަކީ އުއްމީދީ ހުށަހެޅެމެއް ކަމުން އެމްޓީސީސީއާއެކު މަސައްކަތް ކުރުމަށް ނިންމީ ކަމަށެވެ.

ސްކޮޓް ބާޑާ ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކުރި މަގުސަދެއް ކަމުގައި އެމްޓީސީސީއިން ބުނަނީ، ދުނިޔޭގެ އިތުބާރު ލިބިފައިވާ ފެންވަރު ރަނގަޅު "ޕޮލިސްޓާ ރެސިން" ބާވަތްތައް އޮޑިވެރިންނަށާއި ބޯޓް ބަންނަ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމެއް ހޯދައިދިނުމަށް ކަމަށެވެ. އޭގެ އިތުރުން ސްކޮޓް ބާޑާ ބްރޭންޑްގެ އެހެނިހެން އުފެއްދުންތައް ވެސް އެމްޓީސީސީ މެދުވެރިކޮށް ކަސްޓަމަރުންނަށް އެކަށީގެންވާ އަގުތަކުގައި ލިބުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށެވެ.