މޯލްޑިވްސް ޕޮލިސް ސާވިސް

ދަނޑަށް ބަޔަކު ވަދެ ޔޯގާ ހަރަކާތް ހުއްޓުވައިފި

Jun 21, 2022
1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބަޔަކު ޔޯގާ ހަދަމުން ދަނިކޮށް ބަޔަކު ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވައިފި އެވެ.

ދަނޑުގައި މިހަރަކާތް ފެށީ މިއަދު ހެނދުނު 6:30 ހާއިރު އެވެ. ހަރަކާތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި "ﷲ އަކުބަރު" ގޮވަމުން ބަޔަކު ވަނީ ދަނޑަށް ވަދެގެންފަ އެވެ. އަދި އެތަނުގައި ތިބި މީހުން ދަނޑުން ނިކުމެގެން ދިއުމަށްވެސް އަޑުހަރުކޮށް ގޮވާފައިވެ އެވެ.

ދަނޑަށް ވަދެގެން މީހުން އަމަލުކުރި ގޮތުން ޔޯގާ ހަދަން ތިބި މީހުން ވަނީ ބިރުން ދަނޑުން ނިކުމެގެން ގޮސްފަ އެވެ.

ބަޔަކު ދަނޑަށް ވަދެގެންއިރު އެ ސަރަހައްދުގައި ތިބީ މަދު ފުލުހުންތަކެކެވެ. ބަޔަކު ވަދެ ދަނޑުގައި ތިބި މީހުން ފޮނުވާލި ފަހުން ފުލުހުންގެ އިތުރު ބަޔަކު އައިސް ދަނޑަށް ވަދެ ޕެޕާ ސްޕްރޭ ޖަހައި ދަނޑުގައި ތިބި މީހުން ވަނީ އެތަނުން ނެރެފަ އެވެ.

ޔޯގާގެ ހަރަކާތް މިއަދު ފެށީ އެ ހަރަކާތް ކުރިއަށް ނުގެންދިއުމަށް ސޯޝަލް މީޑިއާގައި ބަޔަކު އިންޒާރުދީ ހަދަމުން ދަނިކޮށެވެ.

ޔޯގާ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރުން އިންތިޒާމު ކުރި މި އިވެންޓް އެންމެ ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. އެކަމަކު އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ ރަސްފަންނުގައި މި އިވެންޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ.

އިވެންޓާ ގުޅޭ މައުލޫމާތު އާންމުކޮށް، ބައިވެރިވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ ޕޯސްޓުގައި ޔޯގާ އިން ލިބިދޭ ފައިދާތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެކަމަކު ޔޯގާ އަކީ އިންޑިއާގެ ސަގާފީ އާދަކާދައިގައި ހިމެނޭ ކަމަކަށް ވެފައި، އޭގައި ދީނީ ފުށުއެރުންތަކެއް ހުރުމުން ބައެއް މީހުން ގެންދަނީ މި އިވެންޓް ބޭއްވުމަށް ދެކޮޅު ހަދަމުންނެވެ.