އިލެކްޝަންސް ކޮމިޝަން

ފުލުސް ތަހުގީގުން ސާބިތުވެއްޖެނަމަ ޕާޓީތަކަށް ފިޔަވަަޅު އަޅާނެ: އީސީ

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގުން އެކަމުގައި އެއްވެސް ސިޔާސީ ޕާޓީއެެއްގެ ބައިވެރިވުން އޮތް ކަމަަށް ސާބިތުވެއްޖެ ނަމަ ފިޔަވަަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ހަރަކާތެެއް ކުރިއަށް ދަނިކޮށް އެ ހަރަކާތް ހުއްޓުވަން ބަޔަކު ވަނުމުން ބޮޑު ހަމަނުޖެހުމެއް ވަނީ ހިންގާފައެވެ. އެކަމާއި ގުޅިގެން ފުލުހުން ވަނީ ވަރުގަދަ ތަހުގީގެއް ފަށާފައެވެ.

މިއަދު ހިނގާދިޔަ ކަންކަން ކުށްވެރި ކޮށް އިލެކްޝަންސް ކޮމިޝަނުން ބުނީ ހަމަނުޖެހުން ހިންގި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގުން އެކަމުގައި އެއްވެސް ސިޔާސީ ޕާޓީއެެއްގެ ބައިވެރިވުން އޮތް ކަމަަށް ސާބިތުވެއްޖެ ނަމަ ފިޔަވަަޅު އަޅާނެ ކަމަށެވެ.

ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުގެ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުންގެ ހުރިހާ ގުނަންތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން ހަމަނުޖެހުން ހިންގި މީހުން ބޭނުން ކުރި ބައެއް އާލަތްތައް ނެރެފައިވަނީ އިދިކޮޅު ޕާޓީގެ އޮފީހުން ކަމަަށް އެނގިފައިވާ ކަމަަށެވެ.

ފުލުހުންގެ ބަޔާނުގައި މިއަދު ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ބަލާ ފުލުހުންގެ ހިދުމަތުން ރެސްޕޮންޑް ކުރި ގޮތުގެ އިންޓަނަލް ރިވިއުއެއް ކުރާނެ ކަމަަށް ބުންޏެވެ.