މޯލްޑިވްސް ޕޮލިސް ސާވިސް

ރިޔާސީ އިންތިހާބަށް ފުލުހުންގެ "އޮޕަރޭޝަން ބްލޫވޭވް" ފަށައިފި

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް''ގެ އޮޕަރޭޝަނަލް ރަސްމީކޮށް ފަށައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޮޕަރޭޝަން ބުލޫވޭވް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނާ ވިދާޅުވީ އޮޕަރޭޝަންގެ މަގުސަދަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީ ގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކޮށް އަދި ކޮމިއުނިޓީ ޕޮލިސިން ފަލްސަފާއާ އެއްގޮތަށް އިންތިހާބުގެ ކުރިންނާއި ފަހުން އަމަލުކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ. ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއަމާން ކަަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތު ނުދީ އަދި ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުމަކީވެސް މަގުސަދެއް ކަމުގައި ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޮޕަރޭޝަން ބުލޫވޭވްއަށް ފުލުހުން ތައްޔާރުވާން ފަށައި، ކަނޑައެޅުނު ތާރީހްތަކާ އެއްގޮތަށް އެންމެ ފަހުގެ މަރުހަލާއަށް މިވަނީ އާދެވިފައި ކަމަށެވެ.

"މި ފާއިތުވެދިޔަ ދުވަސްތަކުގައި ހުރިހާ ފުލުހުންވެސް ދިން އެއްބާރުލުމާއި ކުރި ބުރަ މަސައްކަތްތަކަށް ޝުކުރު ދަންނަވަން. އަދި ކުރިއަށް މިއޮތް ގަޑިތަކުގައާއި އިންތިހާބުގެ ދުވަހު އަދި އިންތިހާބުގެ ރަސްމީ ކަންކަން ނިމުމާ ހަމައަށްވެސް ޕްރޮފެޝަނަލްކޮށް ގާނޫނީ ހަމަތަކުގެ މަތިން، ކޮންމެ ފުލުހަކާވެސް ހަވާލުކޮށްފައިވާ މަސައްކަތް ކުރަންވާ ގޮތް ސާފުކޮށް އެނގިތިބެ ކުރިއަށްް ގެންދިއުމަށް އިލްތިމާސްކުރަން،" ސީޕީ ވިދާޅުވީ އެވެ.

ހަމީދު ވަނީ އެއްވެސް މީހަކަށް ބުރަނުވެ، ރަނގަޅު ބަހުން މުއާމަލާތު ކުރުމަށާއި ވާދަވެރި އިންތިހާބަކާ ގުޅިގެން މީހުންގެ ކިބައިން ފެންނާނެ އަމަލުތަކާއި ދިމާވެދާނެ ކަންކަމަށް ލޯ ހުޅުވައި، ހާލަތާ އެކަށިގެންވާ ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފަ އެވެ. އަދި ބޮޑީ ވޯން ކެމެރާގެ ޓެކްނޮލޮޖީ އާއި އޮޕަރޭޝަންގެ މައުލޫމާތުތައް ރެކޯޑު ކުރުމަށް ބޭނުންކުރަން ކަނޑައަޅާފައިވާ ޓެކްނޮލޮޖީއާއި އެހެނިހެން ވަސީލަތްތަކާއި އާލަތްތައް ހަމަޖެހިފައިވާ ގޮޮތުގެ މަތިން ބޭނުންކުރަމުން ގެންދިއުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މިހާރު މިއޮތް ވަގުތުތަކުގައިވެސް ފުލުހެއްގެ ފުށުން އެއްވެސް ނުރަނގަޅު ކަމެއް ނުފެންނާނެހެން ވީހާވެސް ރަނގަޅަށް ކަންކަން ގެންގޮސް ދެއްވުމަށްވެސް ސީޕީ ހަމީދު އެދިވަޑައިގެންނެވި އެވެ. އަދި ފުލުހުންގެ މުއައްސަސާއަށް، ރައްޔިތުންނާއި އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުގެ އިތުބާރާއި ޔަގީންކަން ހޯދުމުގެ އަޒުމުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންނެވި އެވެ.

މި އޮޕަރޭޝަނަކީ ކަނޑައެޅުނު ލަނޑުދަނޑިއާ އެއްގޮތަށް ކާމިޔާބުކަމާއެކު ނިންމިގެންދާނެ އޮޕަރޭޝަނަކަށް ވެގެންދިއުމަށް އަޅުގަނޑު އުއްމީދުކުރަން،" ހަމީދު ވިދާޅުވި އެވެ.

އޮޕަރޭޝަން ބުލޫވޭވް ރަސްމީކޮށް ފެށުމާ އެކު ފުލުހުންގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް ތިނަކަށް ބަދަލުކޮށް އެ އިދާރާ ވަނީ އެލާޓަށް ގެނެސްފަ އެވެ.