އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ސެކިޔުރިޓީ ސާމާނު ހިފައިގެން އެ ކޮމިޝަންގެ އޮފިޝަލުން، ފުލުހުންގެ އެހީތެރިކަމާއެކު އަތޮޅުތަކަށް ފުރާފައިވާ ކަމަށެވެ.
އެގޮތުން އުތުރުގެ ހުރިހާ އަތޮޅަކާއި ދެކުނުން އއ. އދ. ފ. ދ. އަތޮޅަށް ފުރާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރިޔާސީ އިންތިހާބުގައި އުތުރުގެ ހުރިހާ އަތޮޅެއްގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއެކު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ފުލުހުންގެ އެހިތެރިކަމާއެކު ފުރާފައިވާއިރު އުތުރުގެ އަތޮޅުތަކަށް ތަކެތި ފޮނުވުމަށް އަންގާރަ ދުވަހުގެ ފަތިހު މަސައްކަތް ކުރި ނަމަވެސް މޫސުން ގޯސްވުމުން އޭރު އެކަން ނުކުރެވުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ވަރަށް ބޮޑަށް ވާދަވެރި އިންތިހާބަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ. އެއީ މި ފަހަރަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބު ކަމުގައިވާތީ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.