ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ގައުމީ ފުޓްބޯޅަ ޓީމު ދެ ބައިވެ، މައްސަލަ ގޯހުން ގޯހަށް ހިނގައްޖެ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިޔާ އަތުން ބަލިވި ޓީމުގެ މައްސަލަތައް އާއްމުންނާ ހިސާބަށް ތިލަވާން ފެށީ ގައުމީ ކޯޗު އޭނާގެ އެސިސްޓެންޓް ކޯޗުންނާ އެކު އިއްޔެ ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި އެކަކު އަނެކަކު ކުށްވެރި ކުރުމުންނެވެ. މި ބައްދަލުވުންތަކުގައި ކޯޗިން ޓީމުގެ މެމްބަރުން ވަނީ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް ކުރިން ގެންގުޅުނު އުސޫލުތައް ބަދަލުކޮށް މުބާރާތްތެރޭގައި ކަންކަން ދޯދިޔާކޮށް ގެންގޮސްފައިވާތީވެ، އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ކޯޗު ރުޅި އައީ މި ހިސާބުންނެވެ.
މި ބައްދަލުވުމުގައި ކަންކަން ހިނގާދިޔަގޮތް އެނގިހުރި މީހަކު އަވަސް އަށް ކަށަވަރުކޮށްދިން ގޮތުގައި ކޯޗު ވަނީ އޭނާގެ އަމަލުތަކާމެދު ހިތްހަމަނުޖެހޭ ވާހަކަ ދެއްކުމުން "ހަމައިން ނައްޓާފަ،" އެވެ. އަދި ވަކިވަކިން މީހުން ގެނެސްގެން ވާހަކަ ދެއްކުމުގެ ބަދަލުގައި މުޅި ޓީމުގެ އެންމެން އެކީގައި ބައްދަލުކޮށް ވާހަކަ ދެއްކުމަކީ ކަންކަން ދެނެގަނެ ހައްލުކުރަންޖެހޭ ކަމެއް އޮތްނަމަ އެކަންކުރަން މާ ފަސޭހަވާނެ ކަމެއް ކަމަށް ކޯޗިން ސްޓާފުން ބުނުމުން ވެސް ކޯޗު އިތުރަށް ހިތްހަމަނުޖެހުނު ކަމަށްވެ އެވެ.
ހަގީގަތުގައި ބޫޓާނާއި ބަނގްލަދޭޝް އަތުން މޮޅުވެ، އަފްގާނިސްތާނާއި އިންޑިޔާ އަތުން ބަލިވި ގައުމީ ޓީމު އޮތީ މުބާރާތް ފެށުމުގެ ކުރިން މައްސަލަ ޖެހިފަ އެވެ. ކޯޗިން ޓީމު ދެބައިވުމުގެ އިތުރަށް ކުޅުންތެރިން ވެސް ތިބީ ދެބައިވެފަ އެވެ. ސަބަބަކީ މުބާރާތުގެ ކުރިން މެލޭޝިޔާގައި ކުރި ކޭމްޕާ ހިސާބުން ކޯޗު އޭނާގެ އުސޫލުތައް ބަދަލުކޮށް ކުޅުންތެރިންނާމެދު ގެންގުޅުނު ބެލެންސް ގެއްލުވާލުމެވެ. އެއް ކުޅުންތެރިއަކުގެ ޝަކުވާ އަނެއް ކުޅުންތެރިއަކު ގާތުގައި ސިއްރުން ދައްކަން ފެށުމެވެ.
ކޯޗިން ޓީމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ކޯޗު އޭނާގެ ދިވެހި އެސިސްޓެންޓް ކޯޗުންނަށް އިތުބާރު ނުކުރުމުގެ މައްސަލަ އެވެ. އެސިސްޓެންޓް ކޯޗުން ކަމަށްވާ ސާފް ޗެމްޕިއަންޝިޕް 2008 ގައި ކާމިޔާބުކޮށްދިން ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ކުރީގެ މިޑްފީލްޑަރު އަދި ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) އަދި ކީޕަރު ޓްރޭނަރަކަށް މަސައްކަތްކުރި ކުރީގެ ގައުމީ ކީޕަރު އަސްލަމް އަބުދުއްރަހީމް ބާކީ ކުރާ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ.
ކޯޗު ހުރިހާ ކަމެއް ހިއްސާކޮށް، ހުރިހާ ޒިންމާތައް ހަވާލުކުރާ ހަމައެކަނި މީހަކީ އޭނާއާއެކު މަސައްކަތްކުރަން ގެނެސްފައިވާ އޮސްޓްރޭލިޔާގެ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރެއް ކަމަށްވާ މިލާން އެވެ. ފުޓްބޯޅަ ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތަސް ކޯޗު ޓްރޭނިންތައް ކުރިއަށް ގެންދަނީ ވެސް މިލާން ލައްވަ އެވެ. ބައެއް ފަހަރު ޓްރޭނިންތައް ވެސް މިލާން ގޯސްކޮށް ހައްދާފައިހުރިކަން ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ފާހަގަ ކުރެ އެވެ. އިންޑިޔާ މެޗަށް ޓީމު ރާވަން ފޮނުވީ ވެސް މިލާން އެވެ.
މީގެ އިތުރުން ހާއްސަ ކަންކަމަށް އެކަމަށް ހާއްސަ ތަޖުރިބާކާރުން ޓީމުގައި ތިބިއިރު އެމީހުން އެކަހެރިކޮށް، މިލާން ބޭނުންވާ ގޮތަކަށް ޕްރެކްޓިސްތައް ބައްޓަން ކުރަން މަޖުބޫރުވުމަކީ ވެސް ކޯޗިން ޓީމު ދެބައިވި ސަބަބެވެ.
ކީޕަރުންނަށް ފަރިތަކޮށްދޭން ނަމެއްގައި އަސްލަމް ހުރި ނަމަވެސް އައްސަދާއި އިންމަ އަށް ޓީމުގައި އެއްވެސް ރޯލެއް ނެތެވެ. އެމީހުން ކުރެން އެއްވެސް މަޝްވަރާއެއް ވެސް ނުހޯދަ އެވެ. ޖާޒީ ލައިގެން ޕްރެކްޓިހަށް އެމީހުން ނުކުތް ނަމަވެސް އެއްވެސް ކަމެއްގައި ބައިވެރިވެސް ނުކުރެ އެވެ. ހުރިހާ ވެސް މީހަކީ މިލާން އެވެ.
ގައުމީ ޓީމުގައި މެނޭޖަރަކު ނެތުމުން މެނޭޖަރެއްގެ ޒިންމާ ވެސް އޮތީ ކޯޗަށް ދީފަ އެވެ. ނަމަވެސް ޓީމުގެ ބެލެންސް ގެއްލުވާލައި ކުޅުންތެރިން ލައްވައި ކޯޗު އޭނާ އަށް ތައުރީފްކޮށް މީޑިޔާގައި ވާހަކަ ދައްކަން މަސައްކަތްކުރުމުން ވެސް އޮތީ މައްސަލައަކަށްވެފަ އެވެ. އެންމެން އެކީގައި ކާން ދިއުމުގެ ބަދަލުގައި ކޯޗާއި މިލާން އަދި އެހެން އޮފިޝަލަކު ވަކިން ރެސްޓޯރަންޓަށް ގޮސް ކާ މައްސަލަ ވެސް ފެންމަތިވި އެވެ.
ޓީމުގެ ބައިބައިވެ، ކޯޗު އޮފިޝަލުންނަށް ފާރަވެސްލި އެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވުނީ އެސިސްޓެންޓް ކޯޗުންނާއި އޮފިޝަލުން މީޑިޔާގެ އެއްވެސް މީހަކާ ވާހަކަ ދައްކާނަމަ "ސިއްރުން" އެވާހަކަ އަޑުހަން ކޯޗު ވަކި މީހަކާ ހަވާލުކޮށްފައި އޮތުމެވެ. މިކަން ވެސް ފަހުން އޮތީ ފަޅާއަރައިފަ އެވެ. ޓީމުގައި މީޑިޔާ އޮފިސަރަކު ހުއްޓަސް އޭނާގެ ބޭނުމެއް ވެސް ކޯޗު ނުހިފަ އެވެ.
މައްސަލަ ގޯސްވި އިއްޔެގެ ބައްދަލުވުމުގައި އިން މީހަކު ކިޔައިދިން ގޮތުގައި ކޯޗު ވަނީ އޭނާގެ ދިވެހި އެސިސްޓެންޓުންނަކީ އޭނާ ގަބޫލުކުރާ ބައެއް ނޫން ކަމަށް ވެސް ވަރަށް ސާފުކޮށް ބުނެފަ އެވެ. އަދި އެމީހުންނަކީ އޭނާ ޓީމަށް ގެނައި ބައެއް ނޫން ކަމަށާއި އެއީ އެފްއޭއެމުން ޓީމަށް ގެނައި ބައެއްކަން ފާހަގަކޮށްފަ އެވެ. އަދި އޭނާއާ އަޅާ ބަލާއިރު އެސިސްޓެންޓް ކޯޗުންނަކީ އެއްވެސް ތަޖުރިބާއެއް، ފެންވަރެއްނެތް ބައެއް ކަމަށް ކޯޗު ފާހަގަ ކުރި ކަމަށެވެ.
ނިއުޒީލޭންޑްގެ ގައުމީ ޓީމަށް ވޯލްޑް ކަޕުގައި ކުޅެ 2010ގެ ވޯލްޑް ކަޕުގައި އެ ގައުމަށް ކޯޗުކޮށްދިން ރިކީ ހާބަޓް ގައުމީ ޓީމާ ހަވާލުވީ މީގެ ހަތަރު މަސްކުރިންނެވެ. އޭނާ ރާއްޖެ އައީ އިންޑިޔާ ލީގުގައި އަހަރެއްހާ ދުވަހު ކޯޗުކޮށްދީފަ އެވެ. އިންޑިޔާގެ ގައުމީ ކޯޗު ކަމަށް ވެސް ރިކީ ހާބަޓް ކުރިމަތިލި އެވެ. ނަމަވެސް އޭނާގެ ބަދަލުގައި ކޯޗުކަން ދީފައިވަނީ މިހާރު އިންޑިޔާގެ ގައުމީ ކޯޗުކަމުގައި އެހުރި އިނގިރޭސި ކޯޗު ސްޓެފަން ކޮންސްޓަންޓިން އަށެވެ. ސާފް ސުޒުކީ ކަޕް އިންޑިޔާ ކާމިޔާބު ކުރިއިރު ރާއްޖެ މުބާރާތާ އަލްވަދާއުކީ އިންޑިޔާ މެޗުގައި ބޮޑެތި ގޯސްތަކެއް ހަދައިގެންނެވެ.