މޯލްޑިވްސް ޕޮލިސް ސާވިސް

ޔޯގާ އިވެންޓް ހަމަނުޖެހުން: ހަތަރު މީހަކު ދެ މަހަށް ބަންދު

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަ މީހުންގެ ބަންދު މުއްދަތު ޖަހައިފި އެވެ.

ފުލުހުން މިއަދު ވަނީ މި މައްސަލައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. އެއީ ކ. ތުލުސްދޫ ވީނަސް، މުހައްމަދު ނަދީމް، ކ. މާލެ މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން، ކ. މާލެ ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް، ތ. މަޑިފުށި ހެޕީސައިޑް، މުހައްމަދު މައުސޫމް، ހއ. ތުރާކުނު ގްރީންހައުސް، މުހައްމަދު ހުސައިން އަދި ގދ. ރަތަފަންދޫ ލިލީޕާކް އަމީން އަހްމަދު އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ދެ މަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ކޯޓުން ޖަހާފައިވާ ކަމަށެވެ.

މީގެ ތެރެއިން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ވަނީ މުހައްމަދު ޒިލްޔަން އަދި ޝާމީ ރަޝާދު އިދްރީސް އެވެ. ދެން ތިބި މީހުން ދެ މަހަށް ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދަނޑުގައި މިހަރަކާތް ފެށީ އިއްޔެ ހެނދުނު 6:30 ހާއިރު އެވެ. ހަރަކާތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި "ﷲ އަކުބަރު" ގޮވަމުން ބަޔަކު ވަނީ ދަނޑަށް ވަދެގެންފަ އެވެ. އެތަނުގައި ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށާއި ތަކެއްޗަށް އެމީހުން ގެއްލުން ދީފައިވެ އެވެ. އެމީހުން ގެންގުޅުނީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެކެވެ.

ފުލުހުން ރޭ ވަނީ މި ހާދިސާ އާއި ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑީއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. އެ މައުލޫމާތުތައް އެ ޕޯޓަލްއަށް ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.