އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީ ހިޔާނާތުގެ އޮޑިޓް ރިޕޯޓް އަންނަ ހަފުތާގައި ނެރެނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހިންގާ ހާއްސަ އޮޑިޓް ގެ ރިޕޯޓް އަންނަ ހަފުތާ ތެރޭގައި އާންމު ކުރާނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީ އޮޑިޓް ކުރަން ހަވާލުކޮށްފައިވާއިރު ހާއްސަ އޮޑިޓް ކުރަމުން އަންނަނީ ނޮވެމްބަރު 17، 2013 އިން ފެށިގެންނެވެ. އެ ތާރީޙަކީ ރައީސް ޔާމީން ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ދުވަހެވެ.

އޭޖީ އޮފީހުން އެކުލަވާލާ، އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، މިހާރު އޮޑިޓް ރިޕޯޓްގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓްގެ ޑްރާފްޓް އެކުލަވާލައި ފައިނަލް އޮޑިޓް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އައިމަން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓްގައި ހިމަނާފައިވަނީ، އެމްއެމްޕީއާރްސީ ހިންގުމުގައި ފާހަގަވެފައިވާ މައްސަލަތަކާއި އެމްއެމްޕީއާރްސީއިން ހިންގާފައިވާ މުއާމަލާތްތަކުގައި ފާހަގަވެފައިހުރި ކަންތައްތައް ކަމަށެވެ. މީގެއިތުރުން ވެސް ހުރިހާ އޭރިއާތަކަކަށް ވެސް ބަލައި ފާހަގިވި ކަންތައްތައް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ. އޮޑިޓް ރިޕޯޓް އެކުލަވާލުމުގައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ލިބުން ކަމަށް އައިމަން ވިދާޅުވި އެވެ.

ރިޕޯޓްގައި ހުރި ކަންތައްތަކުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރު ކުރީ އެ ކުންފުނިން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއާބެހޭ ގޮތުން ފުުލުހުން ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބު ނުދީގެންނެވެ. ޒިޔަތުގެ މައްޗަށް މިހާރު ވަނީ، ކޮރަޕްޝަން އެކުލެވޭ ގޮތަށް ރަށްތައް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ދައުވާ އުފުލާފައެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކެއްގެ މައްސަލައިގެ ދައުވާކޮށްފައެވެ. އަދި އިތުރު ރަށްތަކެއްގެ މައްސަލައިގައި ދައުވާކުރަން ވެސް ފޮނުވާފަ އެވެ. އެމްއެމްޕީއާރުސީ އިން ރަށްތައް ދޫކޮށްގެން ދައުލަތަށް ފައިސާ ނުދީ އަމިއްލަ އެކައުންޓްތަކަކަށް ބިލިއަނަކާ ގާތް ކުރާ އަދަދަށް ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އަކީ ކުންފުނީގެ އެމްޑީ، އަބްދުﷲ ޒިޔަތުގެ ބޭބެއަށް ވާތީ އެ އޮޑިޓް ކުރުމުގައި ޒިޔަތު އެއްވެސް ވަރަކަށް ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ.