ލައިފްސްޓައިލް

20 ބުޅާވެގެން ސާހިބުމީހާގެ މަރުވެފައިވާ މަސްގަނޑު ކައިފި

އޮޅުކޮށްގެން ގިނަ އަދަދެއްގެ ބުޅާ ގެންގުޅުނު އަންހެނަކު މަރުވުމުން އެ އަންހެންމީހާ ގެންގުޅުނު ބުޅާތަކެއް އޭނާގެ މަސްގަނޑު ކައި ހުސްކޮށްފި އެވެ.

ރަޝިޔާގެ ސިޓީއެއް ކަމަށްވާ ބަޓަޔަސްކްގައި މި އަންހެން މީހާ ދިރިއުޅެމުން ދިޔައީ ބުޅާތަކާއެކު އެކަންޏެވެ.

އިނގިރޭސި ވިލާތުގެ ސަން ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި އަންހެން މީހާ އޮފީހަށް ނާންނަތާ ގިނަ ދުވަސްވެގެން ފުލުހުންނަށް އެކަން ރިޕޯޓްކުރީ އަންހެން މީހާ އުޅޭ އޮފީހުގައި އޭނާއާ އެކު މަސައްކަތްކުރާ މީހެކެވެ.

ފުލުހުން އަންހެން މީހާގެ ގެއަށް ގޮސް ތަޅު ހަލާކުކޮށްލައިގެން ވަންއިރު އަންހެން މީހާ އޮތީ މަރުވެފަ އެވެ. އަދި އޭނާގެ މަރުވެފައިވާ ހަށިގަނޑުގައިވާ މަސްތައް އޭނާ ގެންގުޅުނު 20 ވަރަކަށް ބުޅާވެގެން ވަނީ ކައި ހުސްކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި ލަފާ ކުރެވެނީ އަންހެން މީހާ ގޭތެރޭގައި އުޅެނިކޮށް ކޮންމެވެސް ކަމެއް ދިމާވެގެން ހޭނެތިގެން ނުވަތަ އަނބުރައިގަނެގެން ފަދަ ކަމެއް ވެގެން ވެއްޓުނީ ކަމަށެވެ. އަދި އެ ވެއްޓުނު ގޮތަށް އަންހެން މީހާ މަރުވެފައި އޮންނަތާ ދެ ހަފުތާ ވަރު ވެދާނެކަމަށް ފުލުހުން ލަފާ ކުރެ އެވެ.

އަންހެން މީހާގެ ނަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ އަންހެން މީހާ ގެންގުޅުނީ މެއިން ކޫން ކިޔާ ވައްތަރުގެ 20 ބުޅާ ކަމަށާއި މިއީ ގޭގޭގައި މީހުން އޮޅުކޮށްގެން ގެންގުޅޭ މަޝްހޫރު އެހާމެ ބޮޑެތި ބުޅާތަކެއް ކަމަށް ބުނެފައިވެ އެވެ.

އަންހެން މީހާ މަރަށް ފަހު މި ބުޅާތައް ބެލެހެއްޓުމާ ހަވާލުވެފައިވާ ޖަނަވާރުންގެ ތަޖުރިބާކާރަކު ބުނި ގޮތުގައި އަންހެން މީހާ މަރުވުމުން ބުޅާތައް ކަންތައްކުރި ގޮތަކީ ވަރަށް ޝޮކް ލިބޭ ޒާތުގެ ކަމަކަށް ވިޔަސް މިކަން އެސޮރުމެން ކުރީ އެނޫން ގޮތެއް ނެތިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އެހާ ބޮޑެތި ބުޅާތަކެއް ދެ ހަފުތާވަންދެން ކާއެއްޗެއް ނެތި އެކަނިމާ އެކަނި ގޭތެރޭގައި ތިބެން ޖެހުމުން އެސޮރުމެންގެ އަތު ޖެހުނު އެއްޗެއް ކާނެ. ސާހިބުމީހާގެ މަސްގަނޑު އެ ސޮރުމެން ކައިފައިވަނީ އެގޮތަށް ކަމަށް ބެލެވެނީ،" ޖަނަވާރުންގެ ތަޖުރިބާކާރު ބުންޏެވެ.

މި ބުޅާތަކުގެ ތެރެއިން ސިއްހަތު ރަނގަޅަށް ތިބި ބައެއް ބުޅާތައް މިހާރު ވަނީ އެސޮރުމެން ބޭނުން ބައެއް މީހުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް މި ސޮރުމެން ކުރި ކަންތައް އެ ސޮރުމެންގެ މިހާރުގެ ވެރިންނަށް އެނގޭ ކަމެއް ނޭނގޭ ކަމަށް މި ޚަބަރުގައި ބުނެފައެއް ނުވެ އެވެ.

މީގެ ކުރިން އެމެރިކާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި 30 އަހަރުގެ ފިރިހެނަކު ގޭގައި އެކަނި ދިރިއުޅެނިކޮށް ކޮންމެވެސް ކަމެއް ދިމާވެގެން މަރުވުމުން އެ ފިރިހެން މީހާ ގެންގުޅުނު 10 ވަރަކަށް ބުޅާވެގެން އޭނާގެ މަސްގަނޑު ނޮޅައިގެން ކައިފައިވާ ކަމަށް ސައިންސްވެރިންގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.

ސައިންސްވެރިން މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ބުޅާތައް ބަނޑުހައިވެގެން އެ ސޮރުމެންނަށް ކާނެ އެއްވެސް އެއްޗެއް ނުލިބިއްޖެނަމަ މަރުވެފައިވާ މީހުންގެ މަސް ކާނެ އެވެ. ސައިންސްވެރިން ވަނީ މިފަދަ ކަމެއް ތަޖުރިބާކޮށްފަ އެވެ.

އެމެރިކާގެ ކޮލަރާޑޯގެ ލެބޯޓްރީއެއްގައި ހުރި ގަބުރުތަކެއްގެ މަސް ކާންވެގެން ދެ ބުޅާ އެ ލެބޯޓްރީ އަށް ކޮންމެވެސް ގޮތަކުން ވަދެގެން އުޅުނު ތަން ސައިންސްވެރިންނަށް ވަނީ ފެނިފަ އެވެ.

ސައިންޓީސްޓް ސާރާ ގާސިއާ ބުނި ގޮތުގައި ބުޅަލަކީ އެކި ކަހަލަ ކާނާ ކާން ބޭނުންވާ ޖަނަވާރެއް ނޫނެވެ. އެސޮރުމެން ގަޔާވާ ކާނާއެއް ލިބިއްޖެނަމަ އެ އެއްޗެއް އަބަދުކާން ބޭނުންވާ ބައެކެވެ.