ކްރިމިނަލް ކޯޓް

ނޫރު މަރާލި މައްސަލައިގައި ދެ މީހަކު އުމުރަށް ޖަލަށް

ނޫރު އާދަމް ހަސަންފުޅު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރި ދެ މީހުންގެ މައްޗަށް މައްސަލަ ސާބިތުވެ، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ނޫރު މަރާލާފައި ވަނީ ރޭގަނޑެއްގެ ދަންވަރު 1:30 ހާއިރު އައިޖީއެމްއެޗްގެ ކުރިމަތިން ހަމަލާދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް އެރޭގެ މެންދަމު އެވެ. އެއީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ. އެއް ކުއްޖަކީ ނޫރުގެ ގާތިލެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ، ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެ ކުއްޖާ މަރަން ހުކުންކޮށްފަ އެވެ. އަނެއް ކުއްޖާ 10 އަހަރަށް ޖަލަށްލާން އެ ކޯޓުން 2020 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.

ނޫރަށް ހަމަލާ ދިނުމުގައި ބައިވެރިވިކަން ސާބިތުވެ އިއްޔެ ކްރިމިނަލް ކޯޓުން އުރުމަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ ފުވައްމުލަކު ދަނޑިމަގު ޝައިނީ، މުހައްމަދު ސަމީހާއި އެރަށު، ނޯވަލް، މުހައްމަދު ޝަމްލުގެ މައްޗަށެވެ.

ދައުލަތުން ބުނި ގޮތުގައި ނޫރަށް ހަމަލާ ދިން ކުއްޖާ ގޮވައިގެން ސައިކަލުގައި އައިޖީއެމްއެޗް ކައިރިއަށް ދިޔައީ ޝަމްލު އެވެ. ހަމަލާ ދިން ވަގުތު ޝަމްލުގެ އިތުރުން ސަމީހު ވެސް އެތަނުގައި މަޑުކޮށްގެން އިނެވެ. ހަމަލާއަށްފަހު ކުޑަކުއްޖާ ސައިކަލަށް ލައިގެން އެމީހުން އެތަނުން ދިޔައީ އެވެ.

ނޫރަށް އަށް އިންޗި ހުރި ވަޅިއަކުން ހަމަލާ ދީފައިވާއިރު އޭނާގެ ވާއަތްފަރާތު އަރިކަށިން ހިތާ ދިމާލަށް އަނިޔާ ލިވިފައިވެ އެވެ. އެ ހަމަލާގެ ސަބަބުން ހިތުން ހަށިގަނޑަށް ލޭ ފޮނުވައިދޭ މުހިންމު ނާރުތަކަށް ގެއްލުން ލިބިފައިވެ އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ހަމަ އެރެ އެވެ.

ނުރު މަރާލުމުގައި ބައިވެރިވި ކަމަށް އެ މީހުން ކޯޓުގައި އިންކާރު ކުރި އެވެ. ޝަމްލު ވަނީ އޭނާގެ ދިފާއުގައި ހަ ހެއްކެއް ހުށަހަޅާފަ އެވެ. ސަމީހު އެއްވެސް ހެއްކެއް ހުށައެއް ނާޅަ އެވެ.

ގާޒީ ހަސަން ސައީދު ކުރި ހުކުމުގައި ވަނީ، ނޫރުގެ ގާތިލާއި ދައުވާ ލިބޭ ދެ މީހުން އެދުވަހު ބައްދަލުވެފައިވާ ކަމަށް ގާތިލު ޖުވެނައިލް ކޯޓުގައި ބުނެފައިވާ ކަމަށެވެ. ހަމަލާގެ ކުރިން މި އެންމެން ބިސްބުރު ކައިރިން ފެނުނު ކަމަށް ހެކިވެރިން ބުނެފައިވާ ކަމަށެވެ. އަދި ހަމަލާ ދިން ވަގުތު އެމީހުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިބި ކަމަށް ހެކިން ބުނެފައިވާއިރު، އެމީހުން އެތަނުގައި ތިބީ އެ ހަމަލާ ދިނުމަށް ހާތިލަށް މަގުފަހިކޮށްދިނުމަށް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާއަށް ބަލާއިރު މި ދެ މީހުންގެ ނޫރު މަރާލުމުގައި ބައިވެރިވުމުގެ ގަސްދު އޮތްކަން ޝަރީއަތަށް ސާބިތުވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފަ އެވެ.

މި މީހުން 25 އަހަރަށް ޖަލަށް ލީ ނަމަވެސް އެމީހުން މިހާތަނަށް ބަންދުގައި ތިބި މުއްދަތު ކެނޑުމަށްފަހު، ދެން ތަންދީޒު ކުރަން ޖެހޭނީ 17 އަހަރާއި ނުވަ މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.