މޯލްޑިވްސް ޕޮލިސް ސާވިސް

"ހައްޔަރު ކުރަންޖެހޭ މީހަކު ހައްޔަރުކުރާނަން"

ފުލުހުން ހިންގާ ތަހުގީގުތަކާ ގުޅިގެން އެއްވެސް މީހެއްގެ މަގާމު އަދި ހައިސިއްޔަތަށް ބެލުމެއް ނެތި ގާނޫނީ ސަބަބެއް އޮތްނަމަ ހައްޔަރުކުރަން ޖެހޭ މީހަކު ހައްޔަރުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގައި ސިޔާސީ އިސް ފަރާތްތަކެއް ހިމެނޭކަމަށް ތުހުމަތުކޮށް އެމީހުން ހައްޔަރުކުރުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންމުމަކީ ބޮޑު އަދަބު ކަނޑައެޅިގެންވާ ކުށަކަށްވާއިރު، އެފަދަ މައްސަލަތައް ތަހުގީގުކުރާނެ ކަމަށެވެ.

މާޗް މަހުން ފެށިގެން ބްލެކްމެއިލް ކުރުމާއި ބަރަހަނާ ވީޑިއޯތަކާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ހިންގަމުން އަންނައިރު، އެ މައްސަލަތަކާ ގުޅޭ ހެކިތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭނާގެ ބަޔާނެއް ނަގައި އަދި އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

އެކަމަކު އޭނާ ހައްޔަރު ނުކުރާތީ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް އަޑުއުފުލަމުންނަމެވެ. އެކަމަކު ރިޔާޒު ވިދާޅުވީ މިފަދަ މައްސަލަތަކުގައި މީހަކު ހައްޔަރުކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ ހައްޔަރު ކުރާނެ ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ޖެހުނީމަ އެކަންވެސް ކުރައްވާނެ ކަމަށެވެ. އެއްވެސް މައްސަލައެއްގައި ވަކި މީހަކަށް ވީތީ ތަފާތު ނުކުރައްވާނެ ޔަގީންކަންވެސް ދެއްވެވި އެވެ.

ނާޒިމް ކަމަށް ބެލެވޭ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނީ ބިދޭސީއެއް ކަމަށާއި އޭނާއާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އިސް އެހެން ބައެއް ބޭފުޅުންވެސް އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.