ރައީސް ޔާމީންގެ ޝަރީއަތް

ރަށްތައް ކުއްޔަށް ދޭގޮތް ހޯދަން ހެކިބަސް ނަގައިފި

ވ. އާރަށު މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގައި ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކުއްޔަށް ދީފައި ހުރި ގޮތް ސާބިތުކުރުމަށް މިނިސްޓްރީގެ ލީގަލް ސެކްޝަނުގައި މަސައްކަތް ކުރާ ބޭފުޅެއްގެ ހެކިބަސް ނަގައިފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާތައް ސާބިތުކުރުމަށް މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ މިނިސްޓްރީގެ ލީގަލް ބޭފުޅެކެވެ. އޭނާ ވަނީ ރަށްތައް ކުއްޔަށް ދިނުމުގެ ޕްރޮސެސް ކިޔައިދީފަ އެވެ.

އޭނާގެ ހެކިބަސް ބިނާކޮށްފައިވަނީ 2014 އަދި 2015 ވަނަ އަހަރު ރަށްތައް ކުއްޔަށް ދިނުމުގައި އަމަލުކޮށްފައިވާ ގޮތަށެވެ. އެގޮތުން ވަކި ރަށެއް ޓޫރިޒަމްގެ ބޭނުމަށް މިނިސްޓްރީގެ ދަފްތަރުގައި ހިމަނަން ބޭނުންވާނަމަ ރައީސް އޮފީހުގައި އެގޮތަށް އެދިގެން އެރަށެއް މިނިސްޓްރީގެ ދަފްތަރުގައި ހިމަނާ ކަމަށް އޭނާ ބުންޏެވެ. ވަކި ރަށެއް މިނިސްޓްރީގެ ދަފްތަރުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ކަނޑައެޅުވުމުން ކަމަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީއާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ހަދާފައިވާ ލީސް އެގްރިމެންޓްގެ ދަށުން ދެން މިނިސްޓްރީން އެ ކުންފުންޏަށް އޮފާ ލެޓާއެއް ހުށަހަޅަނީ އެވެ. އެ ލެޓާގައި އިކުއިޒިޝަން ކޯސްޓް ވެސް ކަނޑައަޅާފައި އޮންނަ ކަމަށް އޭނާ ބުންޏެވެ. ކޯސްޓް ކަނޑައަޅަނީ ޓޫރިޒަމް މިނިސްޓަރު ކަމަށާއި ރަށްތައް ކުއްޔަށް ދެނީ ޓޫރިޒަމް މިނިސްޓަރު އަދި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު ކަމަށް އޭނާ ހެކިބަސް ދީފައިވެ އެވެ. ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ އިކުއިޒިޝަން ކޯސްޓް ބަލައިގަންނަނީ އެމްއެމްޕީއާރްސީ އަށް ކަމުގައިވެސް ވިދާޅުވި އެވެ.

އޭނާ ބުނީ އޭރު ކުއްޔަށް ދިން ރަށްތަކުގެ ތެރޭގައި އާރަށް ހިމެނުނު ނަމަވެސް އެރަށުގެ ޕްރޮސެސް ކުރިއަށް ދިޔަ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭރު އޭނާ ޗުއްޓީގައި ހުރުމުން އެ މައުލޫމާތު ނޭނގޭ ކަމަށްވެސް ބުންޏެވެ.

އާރަށް ކުއްޔަށް ދިން އިރު ހެކިވެރިޔާ ޗުއްޓީގައި ހުރުމުން ދިފާއުން ކުރާނެ ސުވާލެއް ނެތް ކަމަށް ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތްޕުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ދުވާލަކު ނަގަނީ އެއް ހެކިވެރިޔެއްގެ ހެކިބަހެވެ. މި މައްސަލައިގައި މިހާތަނަށް ނަގާފައިވަނީ ތިން ހެކިންގެ ހެކިބަހެވެ.

ދައުލަތުން މި މައްސަލައިގައި 12 ޝަފަހީ ހެކިން ހުށަހަޅާފައިވެ އެވެ. ދެން ހެކިބަސް ނެގުމުގެ މަޖިލީހެއް އޮންނާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:30 ގައެވެ.